ޚަބަރު

ކޯވިޑް-19 : އިތުރު 58 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް 58 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 1274އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި، ބަންގްލަދޭޝް 39 މީހެއްގެ އިތުރުން އިންޑިޔާ މީހެކެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 104 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އެކި ފެސިލިޓީތަކުގައި މަސައްކަތްކުރާ މީހުންނައި، ތޮއްޖެހިގެން މާލޭގައި އުޅޭ ބިދޭސީންގެ ތެރެއިން ނެގޭ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި 1216 މީހުންގެ ތެރެއިން މިވަގުތު ފަރުވާދެމުންދަނީ 1164 މީހުންނަށެވެ. ރާއްޖޭގައި ބަލިން ރަނގަޅުވާ މުއްދަތު ނިސްބަތުން ދިގުކަމަށް ޑޮކްޓަރުންވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް މިހަފްތާ ތެރޭގައި ބަލިން ރަނގަޅުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށްވެސް ޑޮކްޓަރުންވަނީ ލަފާކުރައްވާފައެވެ. ކޯވިޑް-19އިން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމަނީ ޢަލާމާތްތައް ރަނގަޅުވެ ދެފަހަރަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ.

މިދިޔަ ހަފްތާގެ އަދީއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ރާއްޖެއިން މީހުން ޕޮޒިޓިވްވެފައިވާ ގޮތަށްބަލާއިރު އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ އަންގާރަ ދުވަހުއެވެ. އެދުވަހު 69 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ނިމިދިޔަ ހަފްތާގެ އާދީއްތަ ދުވަހުންފެށިގެން މިއަދުގެ ނިޔަލަށް ޕޮޒިޓީވް ކޭސްތައް ފެނިފައިވާ ގޮތް

  • 17 މޭ 14ގައި، މީހުން
  • 18 މޭ 19ގައި، މީހުން
  • 19 މޭ 69ގައި، މީހުން
  • 20 މޭ 23ގައި، މީހުން
  • 21 މޭ 6ގައި، މީހުން
  • 22 މޭ 58ގައި، މީހުން

ފައިތުވެދިޔަ ހަފްތާގެ އާދީތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ރާއްޖެއިން ވަނީ 189 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ކޯވިޑް 19 އާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވާއިރު އާންމު ރައްޔިތުން މިކަމަށް ވަރަށްބޮޑަށް ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރައްވަމުންނެވެ.