ޚަބަރު

ފުރަބަންދު : ޤަވާއިދާ ޚިލާފުވި 4803 މީހުން ޖޫރިމަނާކޮށް 260 މީހުން ހައްޔަރުކޮށްފި


މާލެ ސަރަޙައްދުގެ ފުރަބަންދުގެ އުސޫލާ ޚިލާފުވި ހަތަރު ހާހަށްވުރެ ގިނަމީހުން ޖޫރިމަނާކޮށް 260 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މާލެ ސަރަޙައްދު ފުރަބަންދު ކުރުމާގުޅިގެން މަގުތަކަށް ނުކުތުން މަނާކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކުގައިވެސް މަގުމައްޗަށް ނުކުމެވޭނީ ފުލުހުންގެ ޚާއްޞަ ހުއްދައެއް ލިބިގެންނެވެ. ނަމަވެސް ފުލުހުން ދޫކުރާ ހުއްދައާނުލައި މާލެ ސަރހައްދުގެ މަގުތަކަށް ނުކުމެ އުޅުނު 172 މީހަކު އިއްޔެ އެކަނިވެސް ފުލުހުން ވަނީ ޖޫރިމަނާކޮށްފައެވެ. އެއީ މާލެއިން ޖޫރިމަނާކުރި161 މީހަކާއި، ހުޅުމާލެއިން 10 މީހަކާއި، ވިލިމާލެއިން 1 މީހެކެވެ.

ފުލުހުން ޢާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުގައި ފުރަބަންދު އިޢުލާންކުރި ދުވަހުންފެށިގެން މިހާތަނަށް 4803 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.

މީގެއިތުރުން ޤަވާއިދާއި ޚިލާފަށް މަގުތަކަށް ނިކުމެ އުޅުމުގެ ސަބަބުން ތަކުރާރުކޮށް ނަސޭހަތްދީގެންވެސް އަދި ޖޫރިމަނާކޮށްގެންވެސް ހައްލުނުވުމުން އިއްޔެ އެކަނިވެސް ވަނީ 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 6 މީހަކާއި ހުޅުމާލެއިން 5 މީހެކެވެ.

ފުލުހުން ވިދާޅުވީ، މިހާތަނަށް ޖުމްލަ 260 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ފުރަބަންދުގައި ފުލުހުން ދޫކުރާ ހުއްދައާއި ނުލާ މަގުތަކަށް ނިކުމެ އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އަދި ކުށްތަކުރާރުކުރާނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެކަމަށާއި، 14 ދުވަހަށް ކަރަންޓީން ފެސިލިޓީއަށް ގެންދާނެކަމުގެ އިންޒާރުވެސް ފުލުހުން މީގެކުރިން ދީފައިވެއެވެ.

މިމަހަކީ ރާއްޖޭގައި ކޯވިޑް-19 ގެ ބަލިހާލަތު އެންމެ ގޯސްވެ ބަލިޖެހޭ މީހުންގެ ޢަދަދު އެންމެ މައްޗަށް އަރާނެ ދުވަސްކަމަށް ލަފާކުރެވޭތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަންދީ މަގުތަކަށް ނުނިކުތުމަށް ތަކުރާރުކޮށް ކަމާގުޅުންހުރި ފަރާތްތަކުން ދަނީ އިލްތިމާސްކުރައްވަމުންވެ.