ޚަބަރު

މަނަދޫން ކޯވިޑް 19ޖެހި، ރަނގަޅުވި 80 އަހަރުގެ މީހާ މަރުވެއްޖެ


ނ.މަނަދޫއިން ކޯވިޑް19 ޖެހި، ރަނގަޅުވި 80 އަހަރުގެ މީހާ މަރުވެއްޖެއެވެ. މި މީހާ މަރުވިކަން އާއިލާއަށް އަންގާފައިވަނީ މިރޭ 7 ޖަހާކަށްހާއިރުކަމަށް، އާއިލާ އާއި ހަވާލާދީ ރަށު ކައުންސިލުންވަނީ ބުނެފައެވެ.

ފުރަތަމަ ހެދި ދެ ޓެސްޓުން ބައްޔަށް ނެގެޓިވްވި ނަމަވެސް ތިންވަނައަށް ހެދި ޓެސްޓުން އެމީހަވަނީ ބައްޔަށް ޕޮސިޓިވްވިކަމަށް ދައްކާފައެވެ. 80އަހަރުގެ މި މީހާ ބައްޔަށް ޕޮސިޓިވްވީ މިމަހުގެ 1ވަނަ ދުވަހުއެވެ. އަދި މިދިޔަ ހޯމަދުވަހު އެޗްޕީއޭއިން ވަނީ މި މީހާ ބަލިން ރަނގަޅުވެފައިވާކަން ޙާމަކުރައްވާފައެވެ.

މި މީހާއަކީ ނ.މަނަދޫން ކޯވިޑް19އަށް ޕޮސިޓިވްވި ފުރަތަމަ މީހާއެވެ. ބައްޔަށް ޕޮސިޓިވްވެފައިވާކަން އެނގިފައި ވަނީ، ބަނޑުގައި ރިއްސާތި ނ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނައުމަށްފަހު ހެދި ޓެސްޓުންނެވެ. މި މީހާ މަރުވެފައި ވަނީ ކޯވިޑުން ރަނގަޅުވުމަށްފަހު، އައިޖީއެމް ހޮސްޕިޓަލްގައި އެހެން ސިއްޙީ މައްސަލަތަކަކަށް ފަރުވާދެމުން ދަނިކޮށެވެ. ނަމަވެސް ރޭ ބަލިމީހާގެ އޮކްސިޖަން ލެވަލް ދައްވެ ޙާލު ބޮޑުވެގެން ވެންޓިލޭޓަރުގެ އެހީގައި ފަރުވާދިންކަމަށް މަޢުލޫމާތު ލިބެއެވެ.

މިހާތަނަށް އެއްރަށަކުން އެންމެ ގިނަ ކޭސްތައްވެސް ފެނިފައި ވަނީ މަނަދޫންނެވެ. އެރަށުން 9 މީހުން ވަނީ ކޯވިޑް-19އަށް ޕޮސިޓިވްވެފައެވެ.

ކޯވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވެފައިވަނީ 4 މީހުންނެވެ. މީގެތެރޭގައި ގިނައިން ހިމެނެނީ އުމުރުން ދުވަސްވީ މީހުންނެވެ.