ޚަބަރު

ޖަޕާނުން ރާއްޖެއަށް 68.8 މިލިއަން ރުފިޔާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްޤީއަށް ޖަޕާނުން ވެދޭ އެހީތެރިކަމުގެ ދަށުން 68.7 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިފަހަރު ޖަޕާނުން ރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ، 68،750،000 (ފަސްދޮޅަސްއަށް މިލިޔަން ހަތްލައްކަ ފަންސާސް ހާސް) ރުފިޔާގެ ހިލޭ އެހީއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ޖަޕާނު ސަރުކާރުގެ މި އެހީ ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަންގެ ގާބިލްކަން އިތުރުކުރުމަށެވެ. މި އެހީގެ ދަށުން ކަސްޓަމްސް އަދި އިމިގްރޭޝަނަށް ބޭނުންވާ ފޭޝަލް ރިކޮގްނިޝަން ސިސްޓަމް، މޮބައިލް އެކްސް-ރޭ، ސައްހަ ނޫން ފައިސާގެ ނޫޓު ދެނެގަންނަ މެޝިން، ސްޕެޝަލް ލުމިނެސެންޓް މައިކްރޯސްކޯޕް، ސްޕީޑް ބޯޓް އަދި ވެހިކަލް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެހީއަކީ ޖަޕާނުން ރާއްޖެއަށް އަބަދުވެސް ވެދެމުން އަންނަ ދީލަތި އެހީތެރިކަމުގެ މިސާލެއްކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ، ބޯޑަރު ބެލެހެއްޓުން ހަރުދަނާކުރުމުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ޖަޕާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި މަޝްވަރާކުރައްވާފައި ވާއިރު، މިއީ އެމަޝްވަރާތަކުގެ އަލީގައި ނިކުތް ނަތީޖާއެއްކަން ފާހަގަކުރެއްވިއެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ ރަށްތައް ދުރުދުރުގައި އޮތުމާއި، ރަށްތައް އުފެދިފައިވާގޮތުން އެއްގަމާއި، ވަޔާއި ކަނޑުމަގުން ރާއްޖޭގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމަކީ ގައުމީ ސަލާމަތަށް ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވައި، އެކަމުގައި ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވާން ޖެހޭކަމަށް ވިދާޅުވެފައެވެ.

ޖަޕާނަކީ ރާއްޖޭގެ ގިނަ ދުވަސްވީ ތަރައްގީގެ ބައިވެރިއެކެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މިހާރުވެސް ޖަޕާން ސަރުކާރާއެކު ދަނީ މަޝްވަރާކުރެވެމުންނެވެ.

ފޮރިން މިނިސްޓަރ ކުރެއްވި ޓުވީޓް

މިމަހުގެ ކުރީކޮޅުވެސް ޖަޕާން ސަރުކާރުން ވަނީ ޔުނިސެފް މެދުވެރިކޮށް ރާއްޖެއަށް 5،346،600 (ފަސްމިލިޔަން ތިންލައްކަ ސާޅީސް ހަހާސް ހަސަތޭކަ) ރުފިޔާ އަދި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،775،000 (ދެމިލިޔަން ހަތްލައްކަ ހަތްދިހަ ފަސް ހާސް) ރުފިޔާގެ ހިލޭ އެހީވެސް ރާއްޖެއަށް ދީފައެވެ. އަދި ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ ހިލޭ އެހީވެސް ޖަޕާނުން ވަނީ ދީފައެވެ.