ވިޔަފާރި

އަންނަ ހަފްތާގައި އިންޑިއާގެ އެތެރޭގެ އުދުހުންތައް ފެށުމަށް ހުއްދަ ދެނީ


އަންނަ ހަފްތާގައި އިންޑިއާގެ އެއަރލައިންތަކަށް އެތެރޭގެ ދަތުރުކުރުމަށް ހުއްދަދޭން ނިންމައިފިއެވެ.

ހުއްދަދޭން ނިންމާފައިމިވަނީ ލޮކްޑައުންގެ ސަބަބުން 2 މަސްދުވަހަށް އެއަރލައިންތަކުގެ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހުގައެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރ ހަރދީޕް ސިންގ ޕޫރީ ބުދަ ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިންޑިއާގެ ހުރިހާ އެއަރޕޯޓްތަކާއި އެއަރލައިންތަކަށް މިމަހުގެ 25 ވަނަ ދުވަހު ޙިދުމަތްދޭން ފެށުމަށް ތައްޔާރުވުމަށް އަންގާފައިވާކަމަށެވެ. ނަމަވެސް އަލުން ޙިދުމަތްތައް ފަށާނީ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެންކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޯވިޑް19 ގެ ހާލަތު އިންޑިއާގައި ގޯސްވެފައިވީނަމަވެސް އެތެރޭގެ އުދުހުންތައް އަލުން ފަށަނީ އެޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށެވެ. އިންޑިއާގައި ބައިނަލްއަޤްވާމީ ފުލައިޓްތަކުގެ ދަތުރުތައް ހުއްޓާލުމަށް ނިންމާފައިވަނީ މާރޗް މަހުގެ 25 ވަނަ ދުވަހުއެވެ. އޭގެ އެއް ދުވަސްފަހުން އެޤައުމުގެ 650 ބޯޓެއްގެ ދަތުރުތައް ވަނީ މެދުކެނޑިފައެވެ.

ކޯވިޑް19ގެ ސަބަބުން މުޅި ދުނިޔޭގެ އޭވިއޭޝަން ސިނާއަތައް ވަނީ ފޫބަށްދަން އުނދަގޫ ގެއްލުންތަކަކާއި ކުރިމަތިވެފައެވެ. ގިނަ އެއަރލައިންތަކަކުން ވަނީ އުދުހުންތައް މެދުކަނޑާލާފައެވެ. ކަމާބެހޭ މާހިރުން ބުނާގޮތުގައި އެއަރލައިންތަކުން ވިޔަފާރީގައި ކުރިއަށްދާން ބޭނުންނަމަ ގިނަ ކަންތައްތަކެއް ކުރަންޖެހޭނެއެވެ. އޭގެތެރޭގައި ހިއްސާ ވިއްކުން ފަދަ ކަންކަން ހިމެނެއެވެ.