ކޯވިޑް-19

ކޯވިޑް-19 : އިންޑިއާގެ ސިނަމާތަކަށް ދެން ވަދެވޭނީ މާސްކު އަޅައިގެން


އިންޑިއާގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު ހަމަވުމަށްފަހު، ސިނަމާތަކާއި ފިލްމް ތިއޭޓަރތައް އަލުން އާއްމުންނަށް ހުޅުވާލުމުގައި ޢަމަލުކުރާނެގޮތުގެ ޢުޞޫލެއް އެކުލަވާލައިފިއެވެ.

މި ޢުޞޫލު އެކުލަވާލާފައި ވަނީ އިންޑިއާގައި ހިންގާ ސިނަމާތަކާއި ފިލްމް ތިއޭޓަރތަކުގެ ކަންކަން ވިލަރެސްކުރުމަށް އުފައްދާފައިވާ މަލްޓިޕްލެކްސް އެސޯސިއޭޝަން އޮފް އިންޑިއާ، އެމް.އޭ.އައިއިންނެވެ. މި ޢުޞޫލުގައި ސިނަމާތަކާއި ފިލްމް ތިއޭޓަރތަކުގައި އަޅާފައި ހުންނަންޖެހޭނެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ފިޔަވަޅުތަކާއި، އެތަންތަނަށް ދާ އާއްމުންވެސް ޢަމަލުކުރަންޖެހޭނެ ޚާއްސަ ގޮތްތަކެއް ވަނީ ބަޔާންކޮށްފައެވެ.

އެމް.އޭ.އައިއިން އެކުލަވާލި ޢުޞޫލުގައިވާގޮތުން، ސިނަމާ ހޯލްތަކާއި، އެތަންތަން ހިންގާ ޢިމާރާތް ރަނގަޅަށް ސާފުކޮށް ބެހެލެއްޓުމާއި، ފިލްމް ދެއްކުމުގެ ކުރިންނާއި، އިންޓަރވަލް ގަޑީގައާއި، ފިލްމް ދެއްކުމަށްފަހު ހޯލުތެރެ ސެނިޓައިޒްކުރަންޖެހޭނެއެވެ. އަދި އެތަންތާނގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ފިލްމް ބަލަންދާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވާލެއް ވީހާވެސް މަދުވާނެހެން އީ-ޓިކެޓް އާއި ލުއިކާނާއާއި ބުއިންތަކަށް އީ-އޯޑަރކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެއެވެ. މީގެ އިތުރުން މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލޭނެ ވަޞީލަތްތަކާއި، ހޭންޑް ސެނިޓައިޒަރ އަދި މާސްކް އެތަންތަނުން ލިބެން ހުންނަންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

ފުރަބަންދަށްފަހު ސިނަމާ ހޯލުތަކުގައި ފިލްމް ބަލަން ތިބެވޭނީ މާސްކު އަޅާގެންކަމަށް މި ޢުޞޫލުގައި ބުނެފައިވެއެވެ. ފިލްމް ބަލަން ތިބެންޖެހޭނީ ދުރުދުރުގައިކަމަށް ޢުސޫލުގައި ބަޔާންކޮށްފައިވީނަމަވެސް، ޢާއިލާތަކަށާއި ލޯބިވެރިންނަށް އެކުގައި ތިބޭވޭނެކަމާށާއި، އެމީހުންނާއި ޖެހިގެން ހުސް ސީޓެއް ބައިންދަންޖެހޭނެކަމަށް މި ޢުޞޫލުގައި ބުނެފައިވެއެވެ. އަދި ސިނަމާތަކާއި ފިލްމް ތިއޭޓަރތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެލްތް ޗެކްއަޕް ހަދަންޖެހޭނެކަމަަށް ވެސް ބުނެފައިވެއެވެ.

އެމް.އޭ.އައިއިން އަލަަށް އެކުލަވާލާފައިވާ މި ޢުޞޫލަށް ޢަމަލުކުރަން ހަމަޖެހިފައި ވަނީ ފުރަބަންދުގެ މުއްދަތު ހަމަވުމަށްފަހު، ސިނަމާތަކާއި ފިލްމް ތިއޭޓަރތައް އަލުން ހުޅުވާލާ 2 މަސް ދުވަހުގެ ތެރޭގައެވެ. މަލްޑިޕްލެކްސްއިން ވަނީ އެމީހުންގެ މި ޢުޞޫލު އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ މިނިސްޓްރީއަށާއި، އެ ޤައުމުގެ ސްޓޭޓް ގަވަރމަންޓްތަކާއި މިހާރު ހިއްޞާކޮށްފައެވެ.

ބޮލީވުޑްގެ މަސައްކަތްތައް އަލުން ފަށައިގަނެ، ސިނަމާތަކާއި ފިލްމް ތިއޭޓަރތައް އަލުން ހުޅުވާލެވޭނެކަމަށް ލަފާކުރެވެނީ ޖޫންމަހުގެ މެދުތެރޭ ނުވަތަ ޖުލައިމަހުގެ ތެރޭގައިކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ކޯވިޑް-19ގެ ސަބަބުން އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށްވެސް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާއިރު، ގެއްލުން ފޫބެއްދުމުގެ ގޮތުން ފިލްމް އުފައްދާ ބައެއް ފަރާތްތަކުން އަންނަނީ އެމީހުންގެ ފިލްމްތަކުގެ ރައިޓްސް ޑިޖިޓަލް ޕްލެޓްފޯމްތައް ހިންގާ ފަރާތްތަކަށް ވިއްކާ، އޮންލައިންކޮށް ފިލްމްތައް ޕްރިމިއަރވެސް ކުރަމުންނެވެ.