އައިއޯއައިޖީ

2019 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް


2019 ވަނަ އަހަރުގެ އިންޑިއަން
އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ބޮޑުކަމަށް މޯލްޑިވްސް އޮލިމްޕިކް
ކޮމިޓީއިން ބުނެފިއެވެ. 

މިއަދު ރީޔޫނިއަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤު ވިދާޅުވީ 2019 ވަނަ
އަހަރުގެ ގޭމްސް ބާއްވަން ހަމަޖެހިފައިވާ ކޮމޮރޯސް ސަރުކާރުން ހުށަހަޅަން ޖެހޭ
އެއްވެސް ލިޔުމެއް މިއަދާ ހިސާބަށްވެސް ހުށަހަޅާފައިނުވާތީވެ އެޤައުމަށް ފަހު
ފުރުސަތު ދީފައިވާ ކަމަށެވެ. އެއީ މިއަހަރުގެ އޮކްޓޫބަރ މަހުގެ ނަވާރަ ވަނަ ދުވަހާ
ހިސާބަށެވެ.

2019 ވަނަ އަހަރުގެ ގޭމްސް ބޭއްވުމަށް ދެވަނަ އަށް ބިޑްކުރި މޮރިޝަން
މިއަދު ގޭމްސް ނުބާއްވަން ނިންމާފައިވާތީވެ މިއަދު ކުރިއަށްދިޔަ އެގްޒެކްޓިވް
ކޮމިޓީގެ ގިނަ ޤައުމުތަކުން އެއްބަސްވީ އެފުރުސަތު ރާއްޖެއަށް ދިނުމަށް ކަމަށްވެސް
އަހުމަދު މަރުޒޫޤް ވިދާޅުވިއެވެ. ރާއްޖެއަށް ގޭމްސް ބޭއްވޭނެ ކަން ނުވަތަ ނޫންކަން
އިނގިގެންދާނީ އޮކްޓޫބަރ މަހުގެ ނަވާރަ ވަނަ ދުވަހު ކަމަށްވެސް މަރުޒޫޤް ވިދާޅުވިއެވެ.



" ރާއްޖެއަށް ފުރުސަތު ބޮޑު ގޭމްސް ބާއްވަން. އަޅުގަނޑަށް ޔަޤީން
ރާއްޖޭގެ ސަރުކާރުން މިފުރުސަތުގެ ބޭނުން ހިފާނެކަމުގެ، 8 މެޑަލް ހިފައިގެން
ޤައުމަށްދާ މިވަގުތަކީ ގޭމްސްއެއް ބާއްވަން ލިބޭ އެންމެ ރަނގަޅު ފުރުސަތު"
މަރުޒޫޤް ވިދާޅުވިއެވެ.



އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިއްޖެ
ނަމަ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީއިން އެހީވާނެ ކަމަށާއި ތިން އަހަރުގެ
މުއްދަތަކީ 12 ކުޅިވަރު ހިމެނޭ މިވަރުގެ ގޭމްސްއަކަށް ތައްޔާރުވުމަށް ލިބޭ ރަނގަޅު
ވަގުތެއް ކަމަށްވެސް މަރުޒޫޤް ވިދާޅުވިއެވެ.



" ރާއްޖެއަށް ކުޅިވަރުގައި ދެން ކުރިއަށްދެވޭނީ މިވަރުގެ ގޭމްސްއެއް
ބާއްވައިގެން. މިއީ ކުޅިވަރު ކުރިއަރުވަން ލިބޭ ރަނގަޅު ފުރުސަތެއް. އަޅުގަނޑަށް
ޔަޤީން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭނެކަން" އޮލިމްޕިކް
ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހުމަދު މަރުޒޫޤް ވިދާޅުވިއެވެ.



ދިވެހި ރާއްޖެއިން ވަނީ މީގެ ކުރިންވެސް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
ބާއްވަން ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި އެކަމަށް ބޭނުންވާ ބިޑްތައްޔާރުކުރުމުގެ
މަސައްކަތްވެސް މީގެ ކުރިން އޮލިމްޕިކް ކޮމިޓީއިން ވަނީ ކޮށްފައެވެ.