ޚަބަރު

ކޯވިޑް-19 : މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއްދެނީ


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށްފައިވާ ރަށްރަށަށް ލުއިދިނުމުގެ ވިސްނުން ހުރިކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ފާޅުކުރައްވައިފިއެވެ. މިނިސްޓަރ މިފަދަގޮތަކަށް ވާހަކަފުޅުދެއްކެވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީން ވިދާޅުވީ، މިބަލިމަޑުކަމުގައި ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާނަމަ އަޅަފައިވާ ފިޔަވަޅުތަަކަށް ލުއިދޭންޖެހޭ ރަށްރަށް އެބަހުރިކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރަށްރަށުގައި އަލާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއްވެސް މީހަކު އަރާ ނުފައިބާތާ 30 ދުވަސް ނުވަތަ 15 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ރަށްރަށް އެބަހުރިކަމަށާ، އެރަށްރަށް ލުއޔެއް ދޭންޖެހޭކަމަށެވެ.

އެހެންކަމުން އެފަދަ ރަށްރަށް ލުއިދޭނެކަމަށާ، ލުއިދެވޭނެ ކަންކަން މިހާރު ކަނޑައަޅާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އެފަދަ ލުއިތަކެއް ނުދީ މަޑުކުރެއްވީ މިދުވަސްވަރަކީ، ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދާނެ ދުވަސްވަރުކަމަށް ލަފާކޮށްފައިވާތީކަމަށެވެ. މިހާރުން މިހާރަށްވެސް ލުއިދެވޭނެ ރަށްރަށާއި ކަންކަން އެބަހުރިކަމަށާއި، އެފަދަ ލުއިތައް މާގިނަ ދުވަސްތަކެއްނުވަނީ ދޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނަމަވެސް އެލުއިތައް ދޭއިރު ރައްޔިތުންވެސް ވިސްނާ ޢަމަލުކުރަންޖެހޭ ކަންކަން އެބަހުރިކަމަށް ވިދާޅުވިއެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާއި، މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، މިކަންކަމުގައި ކަނޑައެޅިފައިވާ ހަމަތައް ހިފަހައްޓަންޖެހޭނެތީ އެކަންކަމަށް ސަމާލުވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

"މާލޭގައި އެންމެ ފުރަތަމަ ވަރށް ގިނަ ފިޔަވަޅުތަކާއެކު ކުރިއަށްދިޔައީ. އޭގެތޭރގައި ފިހާރަތަށް ބަންދުކުރުމާއި، ކެފޭތައް ބަންދުކުރުމާއި، މިސްކިތްތަކަށް ނުދިއުމާއި، ސްކޫލްތައް ބަންދުކުރުމާއި، ޕާކުތަކާއި ތަންތަނަށް ނުދިޔުމާއި މިހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑުމެންތިއްބާ ކޭހެއް އައިތަން ފެނުނީ. އެހެންކަމުން ރަށްރަށުގައިވެސް މިވަގުތު ކަމެއް ނެތްނަމަވެސް އަޅުގަނޑުމެންގެ މުޢާމަލާތްތަކުގެ ތެރެއިން އެފަދަކަމެއް މެދުވެރިވެއްޖެ ހިނދެއްގައި އަޅަންޖެހޭ ފިޔަވަޅުތަކަށް ތައްޔާރަށޭ އަޅުގަނޑުމެން ތިބެންޖެހޭނީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މާލޭގައި މިހާރުއޮތް ފުރަބަންދަށްވެސް ލުޔެއް ދެއްވާނެކަމުގެ އިޝާރާތެއް ދެއްވާފައެވެ. އެގޮތުން މާލޭގައި މިހާ ގިނަދުވަހު ފުރަބަންދުގައި އޮތުމުން ލުއިތަކެއް ލިބެންޖެހޭކަމަށް ޤަބޫލުފުޅުކުރައްވާކަމަށާ، ބަންދުގައި އަބަދަކު ނުތިބެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް ދެވޭނެ ލުއިތަކާއި ހުޅުވާލަންޖެހޭ ކަންކަން ހުޅުވާލާނީ ފަރުވާގެ ކަންކަން ބޮއްސުން ނުލާނެ އަދި ޕޮޒިޓިވްވާ ޢަދަދު އަތުން ކައްސާލައިގެން ނުދާނެ އިންތިޒާމްތަކެއްގެ ތެރެއިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެހެންވީމަ ލުއިތައް ލިބޭނެ. ލުއިތައް އަންނާނެ. އަޅުގަނޑުމެން މިހާރު މިތިބި ހާލަތަށް ބަދަލުތަކެއް އަންނާނެ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މާލެ ސަރަޙައްދު އިތުރު 2 ހަފްތާއަށް ފުރަބަންދުކޮށްފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ. މިހާރު މިއޮތް ފުރަބަންދުގެ މުއްދަތު ހަމަވާނީ މިމަހުގެ 28ވަނަ ދުވަހަށެވެ.