ޚަބަރު

ކޯވިޑް-19 : ސާމްޕަލް ނަގާ ޓީމުގައި މަސައްކަތްކުރާނެ މީހުން ލިބުން ދަތި - އާރުއާރުޓީ


ކޯވިޑް-19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ހަރަކާތްތެރިވާ ޓީމުގައި މަސައްކަތްކުރާނެ މީހުން ލިބުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާކަަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާމްޕަލް ނެގުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ)ގެ މަސައްކަތްތަކުގެ ތަފްސީލް ވަނީ ހާމަކުރައްވާފައެވެ.

ރެޕިޑް ރެންސްޕޮންސް ޓީމް (އާރުއާރުޓީ)ގެ މަސައްކަތްތަކާއި ގުޅޭ ތަފްސީލް ދެއްވަމުން އެޓީމްގެ އިސް ލީޑަރު ޢަބްދުލް ޙަމީދު ވިދާޅުވީ، މިހާތަނަށް 800އަށް ވުރެ ގިނަ ބަލިމީހުން އެއްތަނުން އަނެއްތަނަށް ބަދަލުކޮށްފައިވާކަމަށެވެ. އެއްތަނެއްގައި ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ ތަންތަން ނުވަތަ ބަލި އެންމެ ބޮޑަށް ފެތުރިދާނެކަމަށް ބެލެވޭ 41 ތަނެއް މިހާތަނަށް ބަލާ ފާސްކޮށް، އެތަންތަނުގައި ދިރިއުޅޭ މީހުންގެ ޢަދަދާއި، ބަލީގެ ޢަލާމާތް ހުރި މިންވަރު ބެލުމާއި، ސާމްޕަލް ނަގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް ޙަމީދު ވިދާޅުވިއެވެ.

މިހާތަނަށް ސާމްޕަލް ނެގުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޢަބްދުލްޙަމީދު ވިދާޅުވީ، ޢާންމުންގެ އެންމެބޮޑު ކަންބޮޑުވުމަކީ ސާމްޕަލް ނަގަން ދިއުމުގައި ލަސްވުންކަމަށެވެ. ނަމަވެސް ސާމްޕަލް ނަގާ ޓީމުގައި ހިމެނޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް ގިނަ ކަންތައް ފުރިހަމަކުރަންޖެހުމަކީ މިމަސައްކަތް ލަސްވުން އެކަށީގެންވާކަމެއްކަމަށް ޙަމީދު ވިދާޅުވިއެވެ. އަދި ޢާންމު ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަންހުރި ހުރިހާ ކަމެއް އެޓީމުން ކަށަވަރުކުރާކަމަށްވެސް ވިދާޅުވިއެވެ.

"އާރުއާރުޓީގެ މެންބަރުން މިތިބެނީ ފުލް ޕީޕީއީގަ. ކޮންމެ ގެޔަކަށް ވަދެފަ ދެންދާއިރު އެ ޕީޕީއީ ބަދަލުކޮށްފަ އައު ޕީޕީއީ އަޅައިގެން މިދަނީ. ވަރަށް ބޯޑަށް ރައްކާތެރިވާންޖެހޭކަމެއްމީ. އެއްގެއަކަށްވަދެ ބަލި ހުރެދާނެ މީހަކަށް އެޓެންޑުވެފަ ދެން އެ ހުރިގޮތަށް އެހެންފަރާތަކަށް ޚިދުމަތެއް ނުދެވޭނެ. އެހެންވީމަ މިޖެހެނީ ޕީޕީއީ ބަދަލުކުރަން. އެވެސް ވަކި ޢަދަދަކަށް ޕީޕީއީ ބަދަލުކުރެވެނީ. އެޓީމްގެ ލިމިޓް ހަމަވާނެ ވަކި ޢަދަދަކަށް ސާމްޕަލް ނެގުމަށްފަހު. އަނެއްކާ ޖެހޭނީ ޑުފްކުރަން ނުވަތަ އޭނަ ބޭނުންކުރާ ހުރިހާ ސާމާނެއް ބަދަލުކޮށް ފެންވަރައި އެހެން ގްރޫޕެއް އަނެއްކާވެސް މި ނިކުންނަންޖެހެނީ." ޢަބްދުލްޙަމީދު ވިދާޅުވިއެވެ.

މިދުވަސްވަރު ވިސާރަވުމަކީވެސް މަސައްކަތަށްއޮތް ހުރަހެއްކަމަށާ، ޕީޕީއީ ނުވަތަ ޕާރސަނަލް ޕްރޮޓެކްޝަން އިކްއިޕްމަންޓްގައި ހުއްޓާ ތެމުމަކީ އޭގެ ނުރައްކާ އެހެންމީހުންނަށް ވަރަށް ބޮޑުވާކަމެއްކަން ޙަމީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޓީމަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަކީ މި މަސައްކަތް އަވަސްކުރުމަށް އެންމެ މުހިންމު އެއް ކަންތައްކަމަށް ޙަމީދު ވިދާޅުވިއެވެ.

އާރުއާރުޓީއަކީ ކޮންމެ ދުވަހަކު ޕޮޒިޓިވް މީހުންނާ ބައްދަލުވާނެ ދުވަހެއްކަމަށް ވިދާޅުވެ ހަމީދުވަނީ އެޓީމަށް ހިތްވަރުދެއްވައި ވާހަކަފުޅު ދައްކަވާފައެވެ. ޙަމީދު ވިދާޅުވީ އާރުއާރުޓީއަށް މަސައްކަތްކުރަން ބޭނުންވާ މީހުންގެ ދަތިކަން އޮތްކަމަށެވެ. އާރުއާރުޓީއަށް މަސައްކަތްކުރަން ފަސްޖެހޭކަން ފާހަގަކުރައްވާ ޙަމީދުވަނީ ސާމްޕަލް ނެގުމަށް ދިމާވާ ގޮންޖެހުންތައް ތަފްސީލްކޮށްދެއްވާފައެވެ.

"ގޭގެއަށް ވަންނަން އެކްސެސް ލިބިމާއި ގޭގެ ހުންނަގޮތުންވެސް ދަތިތަކެއް އާދޭ. ބައެއްފަހަރު އާރުއާރުޓީ މަގުމަތިން ދަތުރުކުރަމުންދާއިރު ވަރަށް އަވަހަށް ދާންޖެހޭ ތަނަކަށްވެސް ތަން ނުލިބުމާ ނުވަތަ ބައެއްފަހަރު ލޮކްޑައުންގަ އޮންނައިރުވެސް ޓްރެފިކްގަ ޖެހޭ އިނގޭތޯ. ނުދެންނެވޭނެ ލޮކްޑައުންގަ އޮތެއްކަމަކު ޓްރެފިކެއްނެތޭ. ޓްރެފިކް އޮވޭ. އެހެންވީމަ އެއީވެސް ހުރަސްއެޅޭ ނުވަތަ ލަސްވާކަމެއް." ޢަބްދުލްޙަމީދު ވިދާޅުވިއެވެ.

ޙަމީދު ވިދާޅުވީ ސާމްޕަލް ނަގާ މީހާއަށް ފަސޭހަ ވަގުތުތަކަށް ސާމްޕަލް ނަގަން ދިއުމަށް ވަރަށް އިސްކަންދޭކަމަށެވެ. އާރުއާރުޓީ އަކީ 24 ގަޑިއިރު ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ބައެއްކަމަށާއި، ކޯވިޑަށް ޓެސްޓްކުރާ މީހުންގެ މަޢުލޫމާތު ސިއްރުކުރަން އެޓީމުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. ނަމަވެސް ސާމްޕަލް ނަގާއިރު ނުވަތަ ބަލިމީހުން އެއްތަނުން އަނެއްތަނަށް ގެންދާއިރު ފޮޓޯއާއި ވީޑިއޯ ނެގުމުގެ ކަންކަން ހިނގާކަމަށާ، އެކަންކަން ހުއްޓުވުމަށް މަސައްކަތްކުރުމުން ބައެއްފަހަރު އެޓީމަށް ފުރައްސާރައާއި ކުރިމަތިލާންޖެހޭކަމަށްވެސް ޙަމީދު ވިދާޅުވިއެވެ.