ޚަބަރު

ކޯވިޑް-19 : ކެނެޑާއިން ރާއްޖެއަށް 1 މިލިއަން ރުފިޔާ ހަދިޔާކޮށްފި


ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކެނެޑާއިން 1 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ މިއެއްބަސްވުމުގައި ސޮއެކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދާއި ކެނެޑާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަންއެވެ. މިއެހީއަކީ ކޮވިޑް-19އާ ގުޅިގެން ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކެނެޑާ ސަރުކާރުން ރާއްޖެއަށް ދިން 1 މިލިއަން ރުފިޔާގެ އެހީއެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ޙާލުގައި ޖެހިފައިވާ މީހުން ތިބޭނެ ވަގުތީހިޔާއެއް ޤާއިމްކުރުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ދިނުމަށް ހިންގާ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިންނެވެ. މި މަޝްރޫޢުގެދަށުން އެހީތެރިކަން ބޭނުންވާ 400 އެއްހައި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދެވޭނެކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތުދެއްވައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކެނެޑާގެ ޚާރިޖީ ވަޒީރު ފްރާންސްވާ ފިލިޕް ޝެމްޕޭންއަށާއި، އެގައުމުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރ ކެރީނާ ގޫލްޑްއަށް ރާއްޖެއަށް ދެއްވި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ކެނެޑާއިންވެސް ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް މިދިން އެހީތެރިކަމަކީ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކެނެޑާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮންނަ ކަމުގެ މިސާލެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެނެޑާ ސަފީރު ވަނީ، ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ.

ފޮރިން މިނިސްޓްރީއިން ކުރި ޓުވީޓް

މި ވީޑިއޯ ކޮންފަރެންސްގައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުހައްމަދު ދީދީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަނާއި، ފިނޭންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އަދި ކެނެޑާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.