ޚަބަރު

ކޯވިޑް-19 : ރާއްޖޭގެ ހުރިހާ ހިސާބުކަށްވެސް އެކަށީގެންވާ މިންވަރަށް ޚިދުމަތްތައް ފޯރުކޮށްދީފައިވޭ


ކޯވިޑް-19ގެ ޙާލަތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އެކަށީގެންވާ މިންވަރަށް ޚިދުމަތް ފޯރުކޮށްދެމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހާމަކޮށްފިއެވެ.

އެޗްއާރްސީއެމްއިންވަނީ ކޯވިޑް-19އާ ގުޅިގެން އިންސާނީ ޙައްޤުތަކުގެ ޙާލަތު ދެނެގަތުމަށް އެ ކޮމިޝަނުން ކުރި މަސައްކަތްތަކުގެ ތަފްސީލް ޢާންމުކުރައްވާފައެވެ.

ކޯވިޑް-19އާ ގުޅިގެން އިންސާނީ ޙައްޤުތަކުގެ ޙާލަތު ދެނެގަތުމަށް 1 މެއި 2020 އިން 7 މެއި 2020 ވަނަ ދުވަހާ ހަމައަށް 27 ރަށު ކައުންސިލަކުން މަޢުލޫމާތު ނަގައިގެން އެޗްއާރްސީއެމްއިން އިންވަނީ ރިޕޯޓެއް ތައްޔާރުކުރައްވާފައެވެ. އެގޮތުން މިރިޕޯޓުން ރާއްޖޭގެ ހުރިހާ ހިސާބުކަށެވެސް އެކަށީގެންވާ މިންވަރަށް ޚިދުމަތްތައް ފޯރުކޮށްދެމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމެވެސް، މި ދަތި ޙާލުގައި ބައެއް ރަށްރަށަށް ބައެއް ޚިދުމަތްތައް ލިބުމުގައި ދަތިވެފައިވާކަންވެސް އެކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ.

އެޗްއާރުސީއެމުން މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަން

  • އެކަށީގެންވާ މިންވަރަށް ރަށުން ކާބޯތަކެތި ނުލިބޭކަމަށް 2 ރަށަކުން ރިޕޯޓްކުރުން
  • ރަށުގެ ރައްޔިތުންނަށް ވާވަރަށް ރަށުގައި އެއްމަސްދުވަހުގެ ކާބޯތަކެތި ރަށުގައި ރައްކާކުރެވިފައި ނެތްކަމަށް 9 ރިޕޯޓްކުރުން
  • ކާބޯތަކެތީގެ އަގު އުފުލިފައި ވާކަމަށް 6 ރަށަކުން ރިޕޯޓްކުރުން
  • ކާބޯތަކެތި ލިބުން ދަތި އާއިލާއެއް އެބަ ހުރިކަމަށް 1 ރަށަކުން ރިޕޯޓްކުރުން
  • ރައްޔިތުންނަށް ވާވަރަށް ބޯފެން ރައްކާކުރެވިފައިނުވާކަމަށް 4 ރަށަކުން ރިޕޯޓްކުރުން
  • ކެއްކުމަށް ބޭނުންވާ ގޭސް ރަށުން ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނެތްކަމަށް 3 ރަށަކުން ރިޕޯޓްކުރުން
  • އެކަށީގެންވާ މިންވަރަށް ޕީޕީއީ ނެތްކަމަށް 23 ރަށަކުން ރިޕޯޓްކުރުން
  • ވެކްސިން ދިނުމުގެ އިންތިޒާމު ހަރުދަނާނުވުން އަދި 5 ރަށަކުން ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ނުދިއުން
  • ވަޒީފާ ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް 14 ރަށަކުން 334 މީހެއްގެ ވަޒީފާ ގެއްލިފައިވާކަމަށް ރިޕޯޓްކުރުން
  • ތަޢުލީމު އުނގެނުމަށް 4 ރަށަކުން އުނދަގޫތައް ކުރިމަތިވެފައިވާކަމަށް ރިޕޯޓްކުރުން
  • އިންޓަނެޓް ނުލިބޭކަމަށް 3 ރަށަކުން ރިޕޯޓްކުރުން

އެޗްއާރްސީއެމްއިން ކޯވިޑް-19 އާ ގުޅިގެން އިންސާނީ ޙައްޤުތަކުގެ ޙާލަތު ދެނެގަތުމަށް މަސައްކަތްތަކެއް ކޮށްފައިމިވަނީ، އެޗްއާރުސީއެމްގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19ގެ ޙާލަތުގައި މީހުންގެ ހައްޤުތައް ކަށަވަރު ކުރުމަށް އެޗްއާރުސީއެމްއިން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިދިޔަ ހަފްތާގައި އެކުލަވާލި ރިޕޯޓެއްގައިވެއެވެ. އެ ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން އެޗްއާރުސީއެމްއިން މަސައްކަތް ކުރަން ފެށީ އެހެން މުއައްސަސާތަކަށް ވުރެ މާލަހުންނެވެ. އަދި އެޗްއާރުސީއެމް ފިޔަވައި އެހެން މުއައްސަސާތަކުން ވަނީ މަދުވަސީލަތްތަކެއް ބޭނުންކޮށްގެން ނަމަވެސް، އެދެވޭ މަސައްކަތްތަކެއްކޮށްފައެވެ.