ވިޔަފާރި

"ވިޒިޓް މޯލްޑިވްސް ލޭޓަރ" ކެމްޕެއިންގެ ހަރަކާތްތަކެއް އިންޑިއާގައި ފަށައިފި


މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން އިންޑިއާގެ ޓްރެވަލް އެޖެންސީ، ކަޔަކްއާއެކު "ވިޒިޓް މޯލްޑިވްސް ލޭޓަރ" ކެމްޕެއިން އިންޑިއާގައި ފަށައިފިއެވެ.

އެމްއެމްޕީއާރުސީގެ "ވިޒިޓް މޯލްޑިވްސް ލޭޓަރ" ކެމްޕެއިނަކީ ކޯވިޑް-19ގެ ބިރުވެރިކަން ކެނޑި، ޢާއްމު ޙާލަތަކަށް އައުމުން އަނެއްކާވެސް ފަތުރުވެރިން ގެނައުމަށް ކުރިއަށްދާ ކެމްޕެއިނެކެވެ. އެގޮތުން އަލުން ފަތުރުވެރިން އަންނަން ފަށާއިރު އިންޑިއާ މާރކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަކީ ކަޔަކްއާއެކު އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ކެމްޕެއިންގެ މަޤްޞަދެކެވެ.

އެމްއެމްޕީއާރުސީއިން ބުނީ މި ހަރަކާތުގެ ދަށުން ކަޔަކް ޓްރެވަލް އެޖެންސީގެ ވެބްސައިޓުގައި "ވިޒިޓް މޯލްޑިވްސް ލޭޓަރ" ޝިއާރާއެކު ފޮޓޯތައް އިޝްތިހާރު ކުރާނެކަމަށެވެ.

އެމްއެމްޕީއާރުސީއިން މިވަނީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށްް ހާއްސަކޮށް ވެބިނާ ސެޝަންތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ. މި އޮންލައިން ސެމިނާތަކުގައި ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި ހަރަކާތްތެރިވާނެ ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންނަށް ހާޢްސަ ޓްރެއިނިންތައް ކުރިޔަށްގެންދިޔައެވެ. މިސެމިނާތަކުގައި އިންޑިއާގެ 302 ޓްރެވަލް އެޖެންސީ އަދި ޓުއަރ އޮޕަރޭޓަރުންނަށް ވަނީ ބައިވެރިވެފައެވެ.

އިންޑިއާއަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އެންމެ ބޮޑު އެއް މާކެޓެވެ. އަދި އަލުން ރާއްޖޭގެ ފަތުރުވެރިކަން ފަށައިގަންނައިރު އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވޭ އެއް މަންޒިލަކީވެސް އިންޑިއާކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ. 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަނިވެސް އިންޑިއާއިން ރާއްޖެއަށް ވަނީ 13800 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ އޭގެ ކުރީއަހަރުގެ އެމުއްދަތާ އަޅާކިޔާއިރު 19 އިންސައްތަ ކުރިއެރުމެކެވެ.