ޚަބަރު

ކޯވިޑް-19އަށް ޓެސްޓްކުރާ މެޝިނެއް އޭޑީކޭގައި ބަހައްޓައިފި


ކޯވިޑް-19އަށް ޓެސްޓްކުރާ މެޝިނެއް އޭޑީކޭ ހޮސްޕިޓަލުގައި ބަހައްޓައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން (ޕީސީއާރް) މެޝިނެއް ގެނެސް، މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މި މެޝިނަކީ ސާސް، ކޮރޯނާ ވައިރަސް އަދި ކޯވިޑް-19އަށް ޓެސްޓްކުރުވޭ މެޝިނެކެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވަނީ މި މެޝިނާއިއެކު ސަރުކާރުން ކޯވިޑަށް ޓެސްޓް ކުރުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއްލިބި، ދުވާލަކު އެތައް ހަތޭކަ ޓެސްޓެއް ހެދުމަށް މަގުފާހިވާނެކަމަށެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑަށް ޓެސްޓް ހެދެނީ އައިޖީއެމްއެޗުގައި ހުރި 3 ޕީސީއާރް މެޝިނާއި ފުލުހުންގެ ފޮރެންސިކް ލެބްގައި ހުރި މެޝިނެއް ބޭނުންކޮށްގެންނެވެ. މި މެޝިންތަކުން އެވްރެޖްކޮށް ދުވާލަކު ހެދެނީ 400-500އާއި ދެމެދުގެ ޓެސްޓެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެވަރެޖްކޮށް 1000 ޓެސްޓް ހެދޭވަރަށް ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. މި މަސައްކަތުގެދަށުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެތެރޭގައި ކޯވިޑް-19އަށް ޓެސްޓް ހެދޭ އިތުރު މެޝިނެއް ރާއްޖެ ގެންނާނެކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ވިދާޅުވެފައެވެ.

ކޯވިޑަށް ޓެސްޓްހެދުމަށް އޭޑީކޭގައި ބެހެއްޓި މެޝިން.

އަދި އަތޮޅުތަކުގެ 5 ސަރަޙައްދެއްގައި ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް އިތުރު މެޝިންތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ސަރުކާރުންވަނީ ޙާމަކުރައްވާފައެވެ. މީގެ ސަބަބުން އަތޮޅުތަކުން ނަގާ ސާމްޕަލްތަކުގެ ނަތީޖާ ލިބުން އަވަސްވެ، މި ބައްޔަށް ޓެސްޓުކުރެވޭ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެއެވެ.

މީގެއިތުރުން ޓީބީއަށް ޓެސްޓްހެދުމަށް އަތޮޅުތަކުގައި ބަހައްޓާފައިހުރި ޖީން އެކްސްޕަރޓް މެޝިންތައް ބޭނުންކޮށްގެން ކޯވިޑަށް ޓެސްޓްހެދޭނެ ގޮތްތަކަކަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މި މެޝިންތަކުން ކޯވިޑަށް ޓެސްޓް ހެދުމަށް ބޭނުންކުރާ 25،000 ކާޓްރިޖް މިމަހު ފަހުކޮޅު ރާއްޖެއަށް ލިބޭނެކަމަށް އެންއީއޯސީއިންވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް އިތުރު ޓެސްޓް ކިޓް ރާއްޖެއަށް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.