ވޮލީ

ޗެމްޕިއަނުންނާއި ދެކޮޅަށް ދިވެހި ވޮލީ ޓީމް ދެއްކީ މޮޅު ކުޅުމެއް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެންމެ ފަހުގެ ވޮލީ
ޗެމްޕިއަނުންނާއި ދެކޮޅަށް މިރޭ ރާއްޖޭގެ ފިރިހެން ވޮލީ ޓީމް ދެއްކީ އެންމެ މަތީ
ފެންވަރުގެ ކުޅުމެއްކަމަށް ޓީމްގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ސާޖިދު
ބުނެފިއެވެ. އޭނާ ބުނީ އެންމެ ފަހުގެ ޗެމްޕިއަން ސީޝެލްސްއަކީ ވަރުގަދަ މޮޅު
ޓީމެއްކަމަށެވެ.



އެވަރުގެ ޓީމަކާއި ދެކޮޅަށް ދިވެހި ކުޅުންތެރިން ދެއްކި
ހިތްވަރަށް ޝުކުރު ހައްޤުކަމަށްވެސް ވޮލީބޯޅަ ކޯޗިންގ ޓީމުން ބުންޏެވެ. ސީދާ ތިން
ސެޓުން ސީޝެލްސް އަތުން ބަލިވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީއަށް
ދިއުމުގެ ފުރުޞަތު ގެއްލުނަސް ދެވަނަ ޓީމްގެ ގޮތުގައި ރާއްޖެ ވަނީ ސެމީއަށް
ދަތުރުކޮށްފައެވެ.



"އަސްލު އެމީހުން މޮޅީ ހަމަ. ސީޝެލްސް ކުޅުންތެރިންގެ
ތެރެއިން އެންމެ ދިގު ދެ ކުޅުންތެރިންނަކީ ވަރަށް ތަފާތު ދެ ކުޅުންތެރިން.
ޚާއްޞަކޮށް ޝޮޓް ޖެހުމުގައި އެމީހުންގެ ވެއްޓުންތައް މޮޅު. އަދި ރާއްޖޭގެ ވީކް
ޕޮއިންޓްތައް ވަރަށް އަވަހަށް ދެނެގަތް." ކޯޗިންގ ޓީމްގައި ހިމެނޭ އަހުމަދު
އަދީލް ބުންޏެވެ.



މިރޭގެ މެޗު ސީޝެލްސް ކާމިޔާބުކުރީ 25-19، 25-20 އަދި 25-22
ނެވެ.



އެސިސްޓެންޓް ކޯޗު ސާޖިދު ބުނީ މާދަމާރޭ ރީޔޫނިއަންއާއި
ދެކޮޅަށް ސެމީގައި ނިކުންނަ އިރު ސީޝެލްސް މެޗުގެ ތަޖުރިބާގެ ބޭނުން ހިފާނެކަމަށެވެ.
ރާއްޖެ ކުޅޭ ސެމީފައިނަލް މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން ނުވައެއް
ޖަހާއިރުއެވެ.