ރިޕޯޓް

"ހިތްތަކުގެ މާމެލާމެލި، ލޮބުވެތިވި ކުޑަކުދިން"


ކޮންމެ ޤައުމެއްގައިވެސް އެންމެ މުހިއްމު ރައޫސުލްމާލަކީ އެ ޤައުމެއްގެ ތުއްތުކުދީންކަން ޔަޤީނެވެ. ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެވޭނީ އެ ޤައުމެއްގެ ކުޑަކުދީންނަށް ބޭނުންވާ ޙިމާޔަތާއި ރައްކާތެރިކަމާއި އެހެންވެސް އެންމެހައި ކަންކަން އޭގެ އެންމެ ފުރިހަމަގޮތުގައި ލިއްބައިދީގެންނެވެ. ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ މި މުޖުތަމަޢުއަކީވެސް ލޯތްބާއި، އަޅާލުމާއެކު ކުޑަކުދިންގެ ހައްޤުތަކަށް އިޙްތިރާމްކުރާ ބަޔަކަށްވުން މުހިއްމެވެ. 

ޝައްކެތްވެސް ނެތްގޮތުގަައި ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤުބަލެވެ. އެ ޤައުމެއްގެ އެންމެ މުހިންމު ރައުސުލްމާލެވެ. ޤައުމުގެ ކުރިމަގު ބިނާވެގެންވަނީ މިއަދުގެ ކުޑަކުދިން ތަރުބިއްޔަތު ކުރެވޭ ގޮތެއްގެ މައްޗަށެވެ. ޤައުމާމެދު އެކުދިންގެ ވިސްނުން ބިނާކުރެވޭ ގޮތެއްގެ މައްޗަށެވެ. ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު މަޤްޞަދަކީ، އެކުދިންނަށް ޙައްޤު ރަޙުމާއި ލޯބި ދިނުމާއި، މުޖުތަމަޢުގައި އެކުދިންނަކީވެސް މުހިންމު ބައެއްކަން އަންގައިދިނުމެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާމެދު މުޖުތަމަޢު ހޭލުންތެރިކޮށް، ޤައުމީ ފެންވަރުގައި ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙް އާލާކުރުމެވެ. 

އިޖްތިމާޢީ ނަޒަރުން ބަލާއިރު ރާއްޖޭގައި ކުޑަކުދިންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމާއި އިޙްތިރާމް ލިބިދެއެވެ. އެހެންނަމަވެސް، ކުޑަކުދިންގެ ޙައްޤުތަކާ ފުށުއަރާފަދަ ޙާދިސާތައް މަދުންނަމަވެސް ހިނގައެވެ. ކުޑަކުދިންނާ ގުޅޭ މިބާވަތުގެ މައްސަލަތަކަކީ ދައުލަތުގެ މުއައްސަސާތަކުން ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާ މައްސަލަތަކެކެވެ. އަދި މުޖުތަމަޢުގެ އަފުރާދުން މިފަދަ މައްސަލަތަކަށްދޭ ޚާއްޞަ ސަމާލުކަމަކީ ކުޑަކުދިންނާމެދު މުޖުތަމަޢުން ބަހައްޓާ ސަމާލުކަން ހާމަވެގެންދާކަމެކެވެ. 

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް މުޖުތަމައުގައި ޚާއްޞަ އުސޫލަކުން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ލާޒިމުކުރެއެވެ. 1991 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް ފާސްކޮށް، އެއަށް ރާއްޖޭގައި އަންނަނީ ޢަމަލުކުރަމުންނެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، ސިއްޙަތު ރަނގަޅު ބައެއްގެ ގޮތުގައި ބެލެހެއްޓުމަކީ މައިންބަފައިންނާއި، ދިވެހި ސަރުކާރުގެ މައްޗަށް މިޤާނޫނު ލާޒިމުކުރާކަމެކެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާމެދު ޚާއްޞަ އުޞޫލަކުން ޢަމަލުކުރުމަބެހޭ ޤާނޫނާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުންވެސް ކުޑަކުދިންނަށް ޚާއްޞަ ރައްކާތެރިކަމެއް ލިބިދެއެވެ. ކުޑަކުދިންކުރާ ކުށްތަކުގެ މައްސަލަތައް ބެލުމަށް ޖުވެނައިލް ކޯޓްގެ ނަމުގައި ޚާއްޞަ ކޯޓެއްވެސް ވަނީ ޤާއިމުކޮށްފައެވެ. 

ޒަމާންނަށް އަންނަމުންދާ ބަދަލުތަކާއެކު ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލައި، އެކަންކަމަށް ޒަމާނީ ހައްލުތަކެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ މަސަައްކަތް ކުރަމުންނެވެ. އެގޮތުން 20 ނޮވެމްބަރު 2019 މިއީ ތާރީޚީ ދުވަހެކެވެ. ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކޮށްދިނުމުގައި ރާއްޖެއަށް އިތުރު ކުރިއެރުންތަކެއް ލިބުނު ދުވަހެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ ޢަދުލުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގުކުރެއްވީ މިދެންނެވި ތާރީޚުގައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެއެވެ. އަދި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމަޢާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުންވެސް މިބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ބިލަކީ ޤާނޫނާ ޚިލާފުވާ ކުޑަކުދިންގެ މައްސަލަތައް، އެކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅައިދޭ، އެކުދިންނާ ރަޙްމަތްތެރި މާޙައުލެއްގައި ހިންގޭނެ އުސޫލަކުން އަދި އެކުދިންނަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް އައިސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ބިލެކެވެ. މިބިލަކީ ކުޑަކުދިންނަށް ޚާއްޞަކުރެވިގެންވާ ނިޒާމެއް މެދުވެރިކޮށް ކަންކަން ނިންމުމަށްޓަކައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތައްވެސް ބަޔާންކުރެވިފައިވާ ބިލެކެވެ. 

މީގެ އިތުރުން، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރިޔާސީ ކޮމިޝަނެއް 20 ފެބްރުއަރީ 2020 ގައި ވަނީ އުފައްދަވާފައެވެ. މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ، ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ. އަދި، ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ. 

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާއެއް، "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޤާއިމުކުރައްވާފައިވަނީ 1 މާރިޗު 2020 ގައެވެ. މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޤާއިމުކުރަން އެ ޤާނޫނުން ލާޒިމްކޮށްފައިވާ އިދާރާއެކެވެ.

ތަޢުލީމީގޮތުން ބަލާއިރު، ކުޑަކުދިން ސްކޫލަށް ފޮނުވައި ތަޢުލީމު އުނގަންނައިދިނުމަކީ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ލާޒިކުރާކަމެކެވެ. ސަރުކާރުގެ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މުޖުތަމުއުގެ ހުރިހާ ކުޑަކުދިންނަށް ތަޢުލީމަށް ވާޞިލުވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. ޤައުމުގެ މުސްތަޤްބަލް ބިނާކޮށް، ދިވެހިރާއްޖެ، ދިވެހިވަންތަ އުޞޫލުތަކުގެ މަތީގައި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށް ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް، ޤައުމިއްޔަތުގެ ލޯބި އެކުދިންގެ ހިތްތަކުގައި އަށަގެންނުވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު މިފަދަ ޤައުމީ ޢަޒުމެއްގައި ދަރިން ތަރުބިއްޔަތުކޮށް، އެކުދިންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމާއެކު ބޮޑުކުރުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ޢަޒުމަކަށް ހެދުން މުހިއްމެވެ. ކޮންމެ މާމައާކާއި ކާފައެއްގެ ޒިންމާއަކަށް ހެދުން މުހިއްމެވެ. އަދި ކޮންމެ ބޭބެއަކާއި ދައްތައެއްގެވެސް މައްސޫލިއްޔަތަކަށް ހެދުން މުހިއްމެވެ.