ވިޔަފާރި

ދުނިޔޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަން އަލުން ހުޅުވާއިރު އަންނާނެ ބަދަލުތައް


ކޯވިޑް-19 ދުނިޔޭގެ ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަމުގެ ހިދުމަތްދިނުން ހުއްޓާލިއެވެ. ނަމަވެސް އެޅި ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ޤައުމުތަކުން ދަނީ އަލުން ފަތުރުވެރިކަން ފެށުމަށް ތައްޔާރުވަމުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްދޭ ރިޒޯޓް، ހޮޓާ، ގެސްޓް ހައުސް، ކްރޫޒް ލައިނަރ، ސަފާރީ އަދި އެހެންތަންތަނުންވެސް އަލުން ހިދުމަތްދޭން ފަށާއިރު ސަމާލުވެ، އަމަލުކުރަންޖެހޭ މިންގަނޑުތައް ޑަބްލިއުއެޗްއޯގެ އިތުރުން ވަކިވަކި ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކަޑައަޅާ ހިދުމަތްދޭ ފަރާތްތަކާއި ހިއްސާކުރަމުންނެވެ. މިފަދަ ތަންތަނުން އަމަލުކުރާނެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖަރ، އެސްއޯޕީތަށް ތަންފީޒުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްދޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

މިބަދަލުތައް ގެނައުމަށް ފަތުުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގެ އެންމެ މުހިންމު އެއް ފިޔަވަޅެއްގެ ގޮތުގައި އަަޅަނީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުން މިއައު އުސޫލުތަކަށް ތަމްރީން ކުރުމެވެ. ކޯވިޑް-19 ގެ ސަބަބުން ބަންދުކޮށްފައި ހުރުމަށްފަހު އަލުން ހުޅުވާ ތަންތަނުގައި ގެސްޓުންނާއި މުއާމަލާތްކުރުމައި، ހިދުމަތްދޭއިރު ރައްކާތެރިވާނެ ގޮތްތަކާއި، ތަންތަން ސާފުކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކުގެ މުވައްޒަފުންނަށް މިހާރު ދަނީ ބުނެދެމުންނެވެ.

ސްޓާފުންނާއި ގެސްޓުންނާއި ބައްދަލުވެ، މުއާމަލާތްކުރާ މިންވަރު މަދުކުރުމަށް ޓެކްނޮލޮޖީގެ ބޭނުންކުރުން އިތުރުކުރުމަށް ދަނީ މިފަދަ ތަންތަނުން ތައްޔާރުވަމުންނެވެ. ގެސްޓުން ޗެކްއިން ވާއިރު އެމީހުންގެ ޓެންޕަރޭޗަރ ބެލުމާއި، ލަގެޖާއި އެހެނިހެން ސާމާނު ޑިސްއިންފެކްޓްކުރުން މިއީވެސް ހިދުމަތްދޭ ތަންތަނުގައި އަލަށް ތައަރަފް ކުރާނެ ކަމެކެވެ. އަތްދޮވުމަށް އަދި އަތް ސެނަޓައިޒް ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުންވެސް މިއީ ކުރާނެކަމެކެވެ. ގެސްޓުން މެނޭޖްމަންޓާއި މުއާމަލާތްކުރަން ފޯނާއި، މެސެޖު ބޭނުންކުރުމަށް މަގުފަހިކޮށްދީ، ރޫމްސާރވިސް ފަދަ ހިދުމަތްތައް ފޯރުކޮށްދޭއިރު ގެސްޓުންނާއި ބައްދަލު ނުވާނެހެން އިންތިޒާމްތައް ހަމަޖައްސަމަށްވެސް ދަނީ ރޭވެމުންނެވެ.

ކޮޓަރިއާއި އެހެން ތަންތަން ސާފުކޮށް، ރޫމް ސާވިސްދޭ ސްޓާފުން ރައްކާތެރިވުމަށް މާސްކް އަދި އަންގި ލެއްވުމުގެ އިތުރުން ލޯންޑްރީގެ ހިދުމަތްދޭއިރު ވަކި ހޫނުމިނެއްގައި ދޮވުން އެއީ ދެން އަމަލުކުރާނެ އުސޫލެކެވެ. ކުރިން ފަތުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ ރެސްޓޯރެންޓް، ކެފޭ، ޕޫލް އަދި ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ހިދުމަތްދޭ އޯޕަން ތަންތަނުގައި ގިނަ ފަތުރުވެރިން އެއްވެ އުޅުނަސް މިކަމަށް މިހާރު އަލުން ހިދުމަތްދޭން ފަށާއިރުވެސް ބަދަލުތަކެއް އަންނާނެއެވެ. މިގޮތުން އެއްކޮށް ދަތުރުކުރާ ފަތުރުވެރިން ނޫން މީހުން އެކަކު އަނެކަކާއި އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓޭނެހެން ހިދުމަތްތައް ބައްޓަން ކުރުމަށް ދަނީ ތަންތަނުން މަސައްކަތް ކުރަމުންނެވެ.

ގެސްޓުން އުޅުމަށްފަހު ޗެކްއައުޓްވާ ތަންތަން ސާފުކުރުމުގައިވެސް ގިނަ ފިޔަވަޅަތަކެއް އަޅަން ވަނީ ކަމާބެހޭ ފަރާތްތަކުން ހިދުމަތްދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި ގެސްޓުން އުޅެފައިދާ ރޫމްތައް ސާފުކޮށް، ސެނަޓައިޒް ކުރުމުގައިވެސް ކުރިޔާ ހިލާފަށް ބޮޑު ބަދަލުތަކެއް ގެންނާނެވެ.

ކޮންމެއަކަސް ހިދުމަތްދޭ ތަންތަން ބެލެހެއްޓުމުގައި މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހެނީ އަލުން ބަލި ފެތުރުމަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. ގެސްޓަކަށް ބަލިޖެހިފައިވާކަން އިނގިއްޖެނަމަ އަމަލުކުރަންޖެހޭ ހާއްސަ އުސޫލުތަކެއްވެސް ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކަށް ވަނީ އަންގާފައެވެ. މިހުރިހާ ބަދަލަކާއެކު މުޅި ފަތުރުވެރިކަމުގެ ދާއިރާއަށް މިއަންނަނީ ބޮޑު ބަދަލުތަކެކެވެ.