ކޯވިޑް-19

ވެމްކޯގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ


ވެމްކޯގެ 1666 ކޯލް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ކޯލް ސެންޓަރުގައި މަސައްކަތްކުރާ އަންހެން މުވައްޒަފެކެވެ. އަދި އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ އިއްޔެއެވެ.

މިކަމާގުޅިގެން ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއިން ވިދާޅުވީ، ކޯލް ސެންޓަރުގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނު ހިސާބުން އޭނާއާއި ކްލޯސް ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ، އެމީހުން އެކަހެރިކުރުމުގެ މަސައްކަތް ވަގުތުން ފަށާފައިވާކަމަަށެވެ. އަދި މި ދަތި އުނދަގޫ ހާލަތުގައިވެސް އެ ކޯރޕަރޭޝަންގެ ފަރާތުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް އެއްވެސް މެދުކެނޑުމެއް އަޔަނުދީ، ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށާއި، ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ކުރިއަށްދާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ވެމްކޯގެ ހުރިހާ ސައިޓްތަކަކާއި، ޚިދުމަތްދިނުމަށް ބޭނުންކުރާ ވެހިކަލްތައް ޤަވާއިދުން ޑިސްއިންފެކްޓްކުރުމުގެ ކަންކަން އިތުރަށް ވަރުގަދަކޮށް، ނުރައްކަލަ ހުށަހެޅިގެން މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ މާސްކާއި، ޕީ.ޕީ.އީ ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ވެމްކޯއިން އަންނަނީ ކުރަމުންނެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ އެހީތެރިކަމާއެކު އެކޯރޕަރޭޝަންގެ މުވައްޒަފުންގެ މެދުގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ރެންޑަމް ސާމްޕްލިންގ ނެގުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެ ކޯރޕަރޭޝަނުން ވިދާޅުވެފައިވެއެވެ.

ވެމްކޯއިން ވިދާޅުވީ މި ނާޒުކު ޙާލަތުގައިވެސް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، މުޖުތަމަޢުގެ ސާފުތާހިރުކަމަަށް މަސައްކަތް ކުރުމަކީ އެ ކޯރޕަރޭޝަންގެ އެންމެ މުހިއްމު އަމާޒުކަމަަށެވެ.