ކޯވިޑް-19

ކޯވިޑް-19 : އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ


އިތުރު 6 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 648 މީހުންނަށް އިތުރުވެއްޖެއެވެ.

އެންމެ ފަހުން ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ބަންގްލަދޭޝް 2 މީހަކާއި އިންޑިއާ 2 މީހުންނެވެ. މިހާރު މިބަލި ޖެހިގެން ރާއްޖޭގައި ފަރުވާދެމުންދަނީ 618 މީހަކަށެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ 216 އަށް އަރާފައެވެ. އަދި ބިދޭސީންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުމިވަނީ 430 މީހުންނަށް އަރާފައެވެ. އަދި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ 346 މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ޕޮޒިޓިވްވި އިންޑިއާ މީހުންގެ އަދަދަކީ މިހާރު 57 އެވެ.

މިބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން މިހާތަނަށް 10811 ސާމަޕަލްވަނީ ނަގާފައެވެ. އަދި ކޮންޓެކްޓް ޓްރޭސްކުރުމުގެ ތެރެއިން އައު ކޮންޓެކްޓުންގެ ގޮތުގައި 241 މީހުން ދެނެގަނެވިފައިވާއިރު، މިހާތަނަށް ޖުމަލް 4929 ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަނެވިފައިވާކަމަށް އެންއީއޯސީން ވިދާޅުވިއެވެ.

މިއާއެކު ރާއްޖޭގެ އުތުރުން ދެކުނަށް ތައްޔާރުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތުވެސް 533 މީހުން އެބަތިބިކަމަށާއި، ކަރަންޓީން ފެސިލިޓީތަކުގައި 1677 މީހުން ތިބިކަމަށް އެންއީއޯސީން މައުލޫމާތުދެއްވައެވެ.

މީގެ އިތުރުން 14 ދުވަހުގެ ކަރަންޓީން މުއްދަތު ނިމުމުން މިއަދު 40 މީހުން ވަނީ ދޫކޮށްލާފައެވެ. އަދި ކަރަންޓީން ފެސިލިޓީތަކުން 144 ސާމްޕަލްވެސް ވަނީ ނަގާފައެވެ. މިއަދު ވަނީ ކޯވިޑް 19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތައް ގެންދިޔަ ށ. ފީވަކާއި، އެއަތޮޅު ފުނަދޫ އާންމުހަލާތަތަކަށް ބަދަލުކޮށްފައެވެ.