ޚަބަރު

ކޯވިޑް-19 : ދެމީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައި


ކޯވިޑް ޖެހިގެން ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 2 މީހަކަށް ވެންޓިލޭޓަރުގެ އެހީގައި އޮކްސިޖަން ދޭން ފަށައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައި އެޑްމިޓްކޮށް 6 މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ. އޭގެތެރެއިން ދެމީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި އޮކްސިޖަން ދީގެންކަމަށާއި އެ ދެމީހުންގެ ހާލު ސީރިއަސްކަމަށެވެ.

ޑރ އަފްޒަލް ވިދާޅުވީ ވެންޓިލޭޓަރގައި ފަރުވާދެމުން އަންނަނީ އުމުރުން 88 އަހަރުގެ މީހަކާއި އުމުރުން 70 އަހަރުގެ މީހަކަށްކަމަށެވެ.

މީގެއިތުރުން 80 އަހަރުގެ ފިރިހެނަކަށް އޮކްސިޖަން ދެމުން އަންނަކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. ޑީއެޗް 11ގައި ދެން ފަރުވާދެމުން އަންނަނީ 58 އަހަރުގެ އަންހެނެކާއި 48 ޕާކިސްތާނު ފިރިހެނަކާއި 80 އަންހެނަކަށެވެ. އަދި މި އެންމެންގެ ހާލުވެސް ސްޓޭބަލްކަމަށް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 573 މީހުންވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން ފަރުވާދެމުން އަންނަނީ 553 މީހުންނަށެވެ. މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން 20 މީހަކު ވަނީ މި ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

ކޯވިޑްގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 87 މީހުންނަކީ އަންހެނުންނެވެ. ފިރިހެނުންގެ ޖުމްލައަކީ 486 އެކެވެ. މި ބަލި މިހާތަނަށް ޖެހުނު މީހުންގެ ތެރެއިން 205 މީހުންނަކީ ދިވެހިންނެވެ.