ކުޅިވަރު

ބާކީކުރި އިރާނުގެ ފޯވަޑް އަޒްމޫން އަލުން ގައުމީ ޓީމަށް


އެމެރިކާ އާއި އީރާނުގެ ހަނގުރާމަ އެންމެ ހޫނުވި ދަނޑިވަޅު ސޯޝަލް މީޑިޔާގައި ފާޅުކުރި ޝުއޫރުތަކާ ގުޅިގެން ވޯލްޑް ކަޕް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުން ބާކީ ކުރި ފޯވަޑް ސަރްދާރު އަޒްމޫން އަލުން ގައުމީ ޓީމަށް ނަގައިފި އެވެ.

ސަރްދާރު ޓީމަށް އަލުން ނެގުމުން އޭނާ ބުނީ "އޭރު ބާކީ ކުރި ނަމަވެސް އެކަމާ މާބޮޑަށް ކަންބޮޑުވެގެން ނޫޅެން، ކަމަށާއި އަލުން ޓީމަށް ނެގުމުން ވަރަށް ބޮޑަށް އުފާވެއްޖެ،" ކަމަށެވެ.

ވޯލްޑް ކަޕާ ދިމާކޮށް އަޒްމޫން ޓީމުން ބާކީކޮށް އޭރު އިރާނުގެ މީޑިޔާތަކުން ބުނީ އެކަން ކުރީ އޭނާ އަނިޔާގައި ހުރުމުން ކަމަށެވެ. ނަމަވެސް 57 ގޯލާއެކު ގައުމީ ޓީމަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައދިން ފޯވަޑް ޓީމުން ބާކީ ކުރުމުގެ ފަހަތުގައިވަނީ ހަނގުރާމައިގެ އެންމެ ނާޒުކު ވަގުތުގައި ޑުބާއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދް އަލް މަހްތޫމްއާ ބައްދަލު ކުރެއްވައި އެކަން ސޯޝަލް މީޑިއާގައި އާއްމު ކުރުމުންނެވެ. ޑުބާއީ އާއި އިރާންގެ މަސްރަހު އޭރު އޮތީ ހޫނުވެފަ އެވެ.

އޭނާ އަލުން ގައުމީ ޓީމަށް ނެގީ ފީފާ އިންޓަނޭޝަނަލް ބްރޭކްގައި އުޒުބަކިސްތާނާއި ރަޝިޔާއާ ދެކޮޅަށް ކުޅޭ މެޗުތަކަށެވެ. މިއީ އަންނަ އަހަރުގެ އޭޝިއަން ކަޕަށް ތައްޔާރުވާން ކުޅޭ މެޗުތަކެކެވެ. އީރާނުގެ ރަސްމީ މީޑިޔާއިން ވަނީ އެ ގައުމުގެ ފުޓްބޯޅަ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މެހެދީ ތާޖް ކުޅުންތެރިންނާ ބައްދަލުކުރެއްވިއިރު އަޒްމޫން ހިނިތުންވެ ހުރި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް އާއްމު ކޮށްފަ އެވެ.

"2014 ވަނަ އަހަރުން ފެށިގެން އަހަރެން މިއުޅެނީ މި ޖާޒީގައި. އަހަރެން ބައެއް ފަހަރު ޓީމަށް ނަގާނެ. ބައެއް ފަހަރު ނުނަގާނެ. ބައެއް ފަހަރު ބާކީ ވާނެ. އަނެއްކާ އަހަރެން އެނބުރި އަންނަން. މިކަހަލަ ގޮތަކަށް، އަހަރެން މޮޅުވަން، އަހަރެން ބަލި ވެސް ވަން، އަހަރެން ރޮން. އެކަމަކު އަހަރެން ގައުމީ ޓީމާ ދުރުގައި ހުންނައިރު އަހަރެން މިއިން ކަމެއް ނުކުރަން،" އަޒްމޫން ބުންޏެވެ.

"އަހަރެން އަލުން ގައުމީ ޓީމަށް ނެގީމާ ހީވީ އެންމެ ފުރަތަމަ ގައުމީ ޓީމަށް ނެގި ފަދައިން. މިދިޔަ ހުރިހާ ދުވަހެއްގައި ގައުމީ ޓީމަށް ނެގުމާއި ނުނެގުމަކީ އަހަރެންގެ ދިރިއުޅުމާ ގުޅިފައި އޮތް ކަމެއް. އަހަރެން ގައުމީ ޓީމުން އަލުން ސާބިތު ކޮށްދޭން ޖެހޭ އެއްވެސް ކަމެއް ނެތް. މިފަހަރު ލިބުނު ފުރުސަތުގައި ވެސް އަހަރެން ގައުމު ތަމްސީލު ކުރަން އެންމެ މަތީ ފެންވަރުގައި މަސައްކަތް ކުރާނަން،" އަޒްމޫން ބުންޏެވެ.

އޭޝިއަން ގޭމްސްގައި އިރާން ހިމެނެނީ ސީރިއާ އާއި ކިރިގިސްތާނާއި ޗައިނާއާއެކު ގްރޫޕް ސީގަ އެވެ. މުބާރާތް ސައޫދީ އަރަބިއާގައި ފަށާނީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ.