ޚަބަރު

ކޯވިޑް-19 : މަރުވި މީހާ މަސައްކަތްކުރީ ކޭ.ކޭގައި، ސީދާ ދިމާވި 66 މީހަކު ދެނެގަނެވިފައިވޭ


ރޭ މަރުވި، ކޯވިޑް-19އަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހާއަކީ ސިފައިންގެ މަރުކަޒެއްކަމުގައިވާ ކަޅުތުއްކަލާ ކޮށީގައި މަސައްކަތްކުރަމުންދިޔަ މީހެއްކަމަށާ، އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 66 މީހަކު ދެނެގަނެވިފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރޭ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ބަންގްލަދޭޝް މީހާ ކޯވިޑް-19އަށް ޕޮޒިޓިވްވި ނަމަވެސް އޭނާ ނިޔާވެފައިވަނީ ސިކުނޑިޔަށް ލޭއެޅިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށްކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވިދާޅުވެއެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ، ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ 33 އަހަރުގެ އެ ބިދޭސީ މީހާއާއި ސީދާ ދިމާވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް ކަޅުތުއްކަލާކޮށިން 66 މީހުން ދެނެގަނެވިފައިވާކަމަށްވެސް ޑރ. އަފްސަލް ވިދާޅުވިއެވެ.

މަރުވި މީހާއާ ގުޅުންހުރި ކްލަސްޓަރތައް އަދި ސާފު ނުވާކަމަށްވެސް އެންއީއޯސީން ވަނީ ވިދާޅުވެފައެވެ.