ކޯވިޑް-19

ކޯވިޑް-19 : އިނގިރޭސިވިލާތުގައި ތިންސަތޭކަހާސް މީހުން ދުންފަތާއި ދުރަށް


ކޯވިޑް-19 ޖެހިދާނެކަމުގެ ބިރަށް، އިނގިރޭސިވިލާތުގައި 3 ލައްކައެއްހައި މީހުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުވެދާނެކަމަށް ބެލެވޭކަމަށް އެ ޤައުމުގައި ހެދި ސަރވޭއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން، މި ދިރާސާކޮށްފައި ވަނީ އެކި ކަހަލަ ހޯދުންތަކާއި، ދިރާސާތައް ކުރުމަށް މަޝްހޫރު "ޔޫގޮވް" އާއި ކެމްޕޭން ގްރޫޕެއްކަމަށްވާ "އެކްޝަން އޮން ސްމޯކިންގ އެންޑް ހެލްތް" ނުވަތަ "އޭޝް" ގުޅިގެންނެވެ.

1004 މީހުންގެ މެދުގައި ހެދި މި ސަރވޭގެ ނަތީޖާ ދައްކާގޮތުން، ސަރވޭގައި ބައިވެރިވި 2 އިންސައްތަ މީހުން ވަނީ ކޯވިޑް-19ގެ ބިރަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާފައެވެ. 8 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވާއިރު، ސަރވޭގައި ބައިވެރިވި 36 އިންސައްތަ މީހުންވަނީ ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި 27 އިންސައްތަ މީހުން، ދުންފަތުގެ ވަބާއިން ވަރަށް އަވަހަށް ދުރުވާނެކަމަށްވެސް ބުނެފައިވެއެވެ.

މި ސަރވޭގެ ހޯދުންތަކުގެ އަލީގައި އިނގިރޭސިވިލާތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އާބާދީގެ ތެރެއިން 3 ލައްކައެއްހައި މީހުން ކޯވިޑް-19 ޖެހިދާނެކަމުގެ ބިރަށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 5 ލައްކައަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރަށްދާން މަސައްކަތް ކުރާނެކަމާއި، 2.4 މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ނިސްބަތް މަދުކުރާނެކަމަށް ބެލެވޭކަމަށް މި ސަރވޭގައި ބުނެފައިވެއެވެ.

"އޭޝް"ގެ ޗެއަރމަން އަދި އިމްޕީރިއަލް ކޮލެޖް ލަންޑަންގައި މަސައްކަތްކުރާ ނޭވާލާ ނިޒާމުގެ ސްޕެޝަލިސްޓެއްކަމަށްވާ ޑރ. ނިކް ހޮޕްސްކިން ވިދާޅުވެފައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ، އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ކަމެއްކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ކޯވިޑް-19އާއި ދެކޮޅަަށް ހަނގުރާމަކުރެވޭ ވަރަށްވުރެ ދިފާއީ ނިޒާމް ބަލިކަށިވެއެވެ. އަދި ބަލީގައި ބޮަޑުވަރުވާ މީހުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ބޮޑުކަން ޑރ. ނިކް ފާހަގަކޮށްފައިވެއެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ، ހާޓްއެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުންފަދަ އެކިއެކި ޞިއްޙީ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދޭކަމެއް. މިކަހަލަ ނާޒުކުދަނޑިވަޅެއްގައި އެފަދަ ނޭދެވޭ އާދަތަކުން ކޮންމެހެންވެސް އެބަ ދުރުވާންޖެހޭ" ޑރ. ނިކް ބުންޏެވެ.

އިނގިރޭސިވިލާތުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވެފައި ތިބި އެތައް ސަތޭކަ ރައްޔިތުންނަކަށް، އެކަން ކުރުމަށް މިއީ ވަރަށްވެސް ރަނގަޅު ވަގުތެއްކަމަށް އެ ޤައުމުގައި ޕަބްލިކް ހެލްތުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ތަޖުރިބާކާރުންތަކެއް އަންނަނީ ފާހަގަކުރަމުންނެވެ.

ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތުން އެއް ލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ. އަދި އޭގެތެރެއިން 28 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިނގިރޭސިވިލާތަކީ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން 3 ވަނައަށް އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ޤައުމެވެ.