ޚަބަރު

ކޯވިޑް-19: ބަލިން ސަލާމަތްވުމަށް ކުދި ޤައުމުތަކުން އެކަތިގަނޑަކަށްވުމަށް ފޮރިން މިނިސްޓަރ ގޮވާލައްވައިފި


ކޯވިޑް-19 އިން އަރައިގަތުމަށް ކުދި ޤައުމުތަކުން އެކަތިގަނޑަކަށްވުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ނަން-އެލައިންޑް މޫވްމަންޓް "ނާމް"ގެ ކޯވިޑް-19 ރެސްޕޮންސް ކޮންޓެކްޓް ގްރޫޕްގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން ދިވެހިރާއްޖެ ތަމްސީލްކުރައްވަމުންނެވެ.

"ޔުނައިޓެޑް އެގެއިންސްޓް ކޮވިޑް-19" މިޝިއާރުގެ ދަށުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ، އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް އެވެ. ކޯވިޑް-19ގެ ސަބަބުން މެމްބަރު ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ، މިކަމުން އަރައިގަތުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރި މި ބައްދަލުވުމުގައި މެމްބަރު ޤައުމުތަކާ، އޮބްޒާވަރ ސްޓޭޓްތަކުގެ ރައީސުންނާއި، ބޮޑުވަޒީރުންނާއި، ޚާރިޖީ ވަޒީރުންގެ އިތުރުން އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި، ކޯވިޑް-19ގެ ސަބަބުން ދިމާވާ ސިއްހީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމުގައި މަލްޓިލޭޓަރިޒަމްގެ އުޞޫލުތައް ކުރިއެރުވުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު މެމްބަރު ޤައުމުތަކާ ހިއްސާ ކުރައްވާފައެވެ. އަދި ވައިރަސްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ މައުލޫމާތުވެސް މިނިސްޓަރ ވަނީ ދެއްވާފައެވެ. މިނިސްޓަރ ވަނީ ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ މައިގަނޑު އެއް ސިނާޢަތަކަށް އިޤްތިޞާދު ބަރޯސާވެފައިވާ ޤައުމުތަކެއްކަން ފާހަގަކުރައްވައި، ބޭރުން އަންނަ ލޮޅުންތަކުގެ އަސަރު އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ހުއްޓުމެއް އައުމާ ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަނުން މިއަހަރު ދަށަށް ދާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ "ނާމް"ގެ މެމްބަރުންގެ ގޮތުގައި ތިބި ކުދި ޤައުމުތަކަށް ދިމާވާ މިފަދަ ގޮންޖެހުންތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނައުމަށް އެޖަމާޢަތުގެ މެމްބަރު ޤައުމުތަކަށް ގޮވާލައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް މިދަނޑިވަޅުގައި ޤައުމުތަކުގެ ބޭރުގެ ދަރަނިތައް އަދާކުރުމުން މަޑުޖައްސާލުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މެމްބަރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ކުދި ޤައުމުތަކަށް ބޭނުންވާ އެހީ ހޯދުމަށާއި، ބޮޑެތި ޤައުމުތަކުގެ ފަރާތުން ބޭނުންވާ ދުރުރާސްތާ އެހީ ހޯދުމުގައި ނާމްއިން އިސްދައުރެއް އަދާކުރާނެކަމަށް ރާއްޖެފަދަ ކުދި ޤައުމުތަކުން ޤަބޫލުކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ ތަރައްޤީގެ ބައިވެރިންގެ ފަރާތުން، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުން، ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ނާމްގެ ޓާސްކްފޯސްއެއް އެކުލަވާލުމަށް މިސަމިޓްގައި ނިންމި ނިންމުމަށް މިނިސްޓަރ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. މެމްބަރު ޤައުމުތަކަށް މިވަގުތު ބޭނުންވާ އަސާސީ ތަކެއްޗާއި ބޭހުގެ ބާވަތްތައް މި ޓާސްކްފޯސްއާއި ހިއްސާކުރުމުން، ޓާސްކްފޯހުން އެހީދޭ ޤައުމުތަކާ، ބައިނަލްއަޤްވާމީ ޖަމްއިއްޔާތައް އަދި ހެޔޮއެދޭ އަމިއްލަ ފަރާތްތައް މެދުވެރިކޮށް މި އެހީތައް ހޯދުމަށް މަސައްކަތްކުރާނެއެވެ.

މީގެ އިތުރުން ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ލީޑްކުރުމުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔު.އެޗް.އޯ އިން ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާޢީދު އޮތްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިކަމުން އަރައިގަނެވޭނީ އެންމެން އެކުއެކީ ގުޅިގެން މަސައްކަތްކޮށްގެންކަމަށް ވިދާޅުވެ، އެންމެން އެކަތިގަނޑަކަށް ވުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.
120 މެމްބަރު ޤައުމުގެ މައްޗަށް އެކުލެވޭ "ނަން-އެލައިންޑް މޫވްމަންޓް" އަކީ އދ. ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޖަމްއިއްޔާއެވެ. ރާއްޖެއަކީ 1976 އޮގަސްޓް 15އިން ފެށިގެން ނާމްގެ ހަރަކާތްތެރި މެމްބަރެކެވެ.