ޚަބަރު

ކޯވިޑް-19 : ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށް، އުސޫލެއް އެކުލަވާލައިފި


ކޯވިޑް19އާ ގުޅިގެން ކުރާ މަސައްކަތުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކޮށް، ވީހާވެސް ދެފުށް ފެންނަގޮތަށް މަސައްކަތް ބައްޓަންކުރާނެ ގޮތުގެ އުސޫލެއް ފިނޭންސް މިނިސްޓްރީން ނެރެފިއެވެ.

މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރް ސޮއިކުރައްވައި ނެރުއްވާފައިވާ މިސަރކިއުލަރއަކީ ވަކިވަކި އިދާރާތަކުންނާއި އެއް އިދާރާ އަނެއް އިދާރާއާ ގުޅިގެން ކުރާ ޕްރޮކިއުމަންޓް މަސައްކަތްތަކުގައި ކޮރަޕްޝަންގެ ޢަމަލްތައް ހިންގުމުގެ ފުރުސަތު ހަނި ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަންގެވެސް އިރުޝާދާއިއެކު އެކުލަވާލާފައިވާ އުސޫލެކެވެ.

ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށް އަޅަން ނިންމި ފިޔަވަޅުތައް

  • 1 ދައުލަތުން ޚަރަދުކުރަންޖެހޭ ކަންކަމުގެ ބާރުތައް އެކަކުގެ އަތުގައި ނުބޭއްވުމާއި، ޒިންމާތައް ވަކިކޮށް އެކި ފަރާތްތަކާ ޙަވާލުކުރުން
  • 2 ނިންމާ ނިންމުންތައް ލިޔެކިޔުމުން ފެންނަން އޮތުން (މިގޮތުން ނިންމުންތައް ނިންމާ ސަބަބުތަކާއި ނިންމުން ނިންމާ ފަރާތާއި، ނިންމުމާއި ގުޅުންހުރި މަޢުލޫމާތު ރައްކާކުރުން، އަދި ޙާލަތު ނިމުނު ނަމަވެސް ލިޔުންތައް ރައްކާކޮށް، ބޭނުންވެއްޖެ ޙާލަތެއްގައި ބެލޭނެހެން ހުރުން)
  • 3 ކުރާ ޚަރަދުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓަރީއަށް ރިޕޯޓްކުރުން. މި ރިޕޯޓްތަށް ޤަވާޢިދުން ލިބެމުންދާކަން އެއިދާރާއެއްގެ ފައިނޭންސް އެގްޒެކެޓިވް ކަށަވަރުކުރުން
  • 4 ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައި ކަނޑައަޅާފައިވާ އެމަޖެންސީ ޕްރޮކިއުމަންޓްގެ ޙާލަތުގެދަށުން ޕްރޮކިއުކުރާއިރު، އެކަކަން ކުރެވެނީ ކަނޑައަޅާފައިވާ އުސޫލުތަށް ފުރިހަމައަށް ތަންފީޒުކޮށްގެންކަން ކަށަވަރުކުރުން
  • 5 އެމަޖެންސީގައި ހަދަންޖެހޭ އެއްބަސްވުންތައް ދަޢުލަތުގައި މާލިއްޔަތު ގަވައިދުގެ 10.52ވަނަ މާއްދާގެ މިންގަނޑުތަކާއި އެއްގޮތަށް ހެދުން، އަދި މަސައްކަތްތުގެ މަޤްޞަދު ހާސިލްކުރެވޭނެފަދަ ބަޔަކާއި މަސައްކަތް ހަވާކުރުމާއި، ރައްޔިތުނާއި ދަޢުލަތުގެ މާލިއްޔަތަށް އެންމެ މަންފާ ބޮޑު ގޮތްތަކަށް މަސައްކަތްކުރުން
  • 6 އެކި މަސައްކަތްތަކުގައި ޒިންމާވާ ފަރާތްތައް ސާފުކޮށް ލިޔެފައިހުރުން
  • 7 މަސައްކަތް ޙަވާލުކުރާ ފަރާތަކީ އެފަރާތުގެ އަޞްލީ މަސައްކަތުގެ އިޙްތިޞާޞްގައި އެފަދަ މަސައްކަތް ހިމެނޭ މީހެއްކަން ޔަގީންކުރުން، އަދި އެއީ މަސައްކަތް ކުރުމަށް ފަންނީ އަދި މާލީގޮތުން ގާބިލު ފަރާތެއްކަން ކަށަވަރުކުރުމައި މަސައްކަތް ކުރަމުންދާއިރު، ލިބޭ ކުރިއެރުން ރަނަގަޅަށް ބަލަމުންދިއުން
  • 8 ކާރިޘާގެ ވަގުތުގައި ހޯދާ ޚިދުމަތާއި ތަކެތި ދަޢުލަތަށް ހޯދަނީ، ރައްޔިތުންގެ ފުރާނައާއި، ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމުގައި، އާއްމު މަޞްލަހަތު އިސްކޮށް، ކާރިސާގެ ވަގުތަށް ބަލާފައި އެކަށީގެންވާ އަގެއްގައިކަން ކަށަވަރުކުރުން
  • 9 ކުއްލި ޙާލަތުގައި ކުރާ ޕްރޮކިއުމަންޓްތައް ހެދުމަށް، ކޮންޓްރެކްޓަރާއި މަސައްކަތް ޙަވާލުކުރުމުގެ ކުރިން އެކަމަށް ހުއްދަ ހޯދަންޖެހޭ ފަރާތްތަކުގެ ހުއްދަ ހޯދާއި، ލިބެން އޮތް އެންމެ ބޮޑު ވާދަވެރިކަމެއް ހޯދުން (މިގޮތަށް މަސައްކަތް ކުރާއިރު ހޯދަން ބޭނުންވާ އެއްޗެއްގެ އަދަދު ނުވަތަ ކުރަންބޭނުންވާ މަސައްކަތް އެ ވަގުތަކު ދިމާވެފައިވާ ކުއްލި ޙާކަތަށް ބޭނުންވާ މިންވަރަށްވުރެ އިތުރު ނުކުރުން
  • 10 ބީލަން ޙަވާލުކުރުމަށްފަހު، އެކަމާގުޅޭ މަޢުލޫމާތު އެ އިދާރާއެއްގެ ވެބްސައިޓުން ފެންނާނެހެން ޝާއިޢުކުރުން (މި މަޢުލޫމާތުގެ ތެރޭގައި ބީލަން ހަވާލުކުރި ތާރީޚާއި، ބީލަމުގެ ކުރުޚުލާސާއަކާއި މަސައްކަތް ހަވާލުކުރި ފަރާތުގެ މަޢުލޫމާތާއި އަދި ބީލަމުގެ އަގާއި މުއްދަތު އެނގޭނެހެން ބަހައްޓަން ވާނެ)

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ދަޢުލަތުގެ ބަޖެޓަށްވަނީ ބުރަވެފައެވެ. އަދި މިވަގުތު ދަޢުލަތުގެ ބަޖެޓުގެ އެންމެ ބޮޑު ފޯކަސްއެއް އޮތީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކަށް ޚަރަދުކުރުމަށެވެ.