ޚަބަރު

ކޯވިޑް-19 : ސެންޓަރ ފޮރ މެންޓަލް ހެލްތުން ބޭސް ސިޓީ އާކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިފި


ސެންޓަރ ފޮރ މެންޓަލް ހެލްތުން ބޭސް ސިޓީ އާކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، ސެންޓަރ ފޮރ މެންޓަލް ހެލްތުން މަސައްކަތްކުރަމުން ގެންދަނީ މިފަދަ ދަނޑިވަޅެއްގައިވެސް ފުރަބަންދު ޙާލަތުގެ އުސޫލުތަކަށް ބެލުމަށްފަހު ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

މިގޮތުން ނަފްސާނީ ބައްޔަށް ބޭސްކުރާ ފަރާތްތަކުގެ ބޭސް ސިޓީ އާކުރެއްވޭނެ އިންތިޒާމްތައް މިހާރު ހަަމަޖައްސައި ދެވިފައިވާ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 އާއި މެންދުރު 12:00 އާއި ދެމެދު 7942403 މި ނަމްބަރަށް އައިޑީ ކާޑު އަދި ބޭސް ސިޓީގެ ފޮޓޯއެއް ފޮނުވުމުން ޚިދުމަތް ލިބޭނެއެވެ. ސެންޓަރ ފޮރ މެންޓަލް ހެލްތުން ވަނީ، ބޭސްސިޓީ އައު ކުރެއްވުމަށް ހުށައަޅުއްވާއިރު އެންމެ ފަހުން ޑޮކްޓަރަށް ދެއްކުމުން ދެއްވާފައިވާ ބޭސް ސިޓީ ފޮނުއްވުމަށް އެދިފައެވެ. މި ޚިދުމަތް ލިބޭނީ ކުރިން އައި.ޖީ.އެމް.އެޗް ގެ ސެންޓަރ ފޮރ މެންޓަލް ހެލްތަށް ޑޮކްޓަރަށް ދައްކަވާފައިވާ ފަރާތަކަށް އެކަނިކަމަށްވެސް އެ ސެންޓަރުން ހާމަކުރެއްވިއެވެ.

ނަފްސާނީ ބައްޔަށް ބޭސްކުރާ ފަރާތްތަކުގެ ބޭސް ސިޓީ އާކުރެއްވުމުގެ އިތުރުން ފާއިތުވެ ދިޔަ ކުރު މުއްދަތެއްގެ ތެރޭގައި ޑޮކްޓަރަށް ދައްކަވާފައި ނެތްނަމަވެސް ބޭހާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ އެކަން ކުރެވޭނެ މަގުވެސް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން މި ފަދަ ސުވާލެއް އޮތްނަމަ 7942403 އަށް މެސެޖު ކުރުމަށް ސެންޓަރ ފޮރ މެންޓަލް ހެލްތުން ވަނީ އެދިފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށް ރާއްޖޭގެ އެއްވެސް ރަށަކުން އަރާ ފޭބުން މަނާކުރުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ނަފްސާނީ އުނދަގޫތަކާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ. މި މައްސަލަތައް ހައްލުކުރުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓުންވެސް ވަނީ ސައިކޮސޯޝަލް ސަޕޯޓް ދިނުމަށް ޙާއްސަ ހޮޓް ލައިންއެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ. އެގޮތުން ރެޑްކްރެސެންޓްގެ ހޮޓްލައިން 1425 އަށް ގުޅައިގެން ސައިކޮސޯޝަލް ސަޕޯޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުންވެސް އެކި ކްލިނިކްތަކުންވެސް އޮންލައިންކޮށް މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.