ޚަބަރު

ކޯވިޑް-19 : މާލޭ ސިޓީއަށް އެނބުރި ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ސިޓީ ކައުންސިލުން ހޯދަނީ


ފުރަބަންދުގެ ސަބަބުން މާލޭ ސިޓީއަށް ނާދެވި ތާށިވެފައި ތިބި ފަރާތްތަކުގެ މައުލޫމާތު ސިޓީ ކައުންސިލުން ހޯދަން ފަށައިފިއެވެ.

މީގެ ކުރިން އެކި ބޭނުންތަކަށް ރަށްރަށަށް ގޮސްތިބި މީހުންގެ ތެރެއިން އެނބުރި ރަށަށް ނުދެވި ތިބި މީހުންގެ މަޢުލޫމާތު ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭއިން ވަނީ ހޯދަން ފަށާފައެވެ.

ފުރަބަންދުގެ ސަބަބުން މާލޭ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެނބުރި ނާދެވި ތާށިވެފައި ތިބި މީހުންގެ މައުލޫމާތު ސިޓީ ކައުންސިލުން ހޯދަން ފެށިކަން ހާމަކޮށް ކުރި އިއުލާނެއްގައި ސިޓީ ކައުންސިލުންވަނީ، އެފަދަ މީހުންން 03 މެއި 2020 ވަނަ ދުވަހުގެ 14:00ގެކުރިން އެ މީހުންގެ މަޢުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އެގޮތުން މި މަޢުލޫމާތު ސިޓީ ކައުންސިލްގެ ނަންބަރު 9955788 މެސެޖު ފޮނުއްވައިގެން މަޢުލޫމާތު ހިއްސާކުރުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

ފޮނުވާ މެސެޖްގައި ފުރިހަމަ ނަން، އައިޑީކާޑު ނަންބަރު، ދާއިމީ އެޑްރެސް، އަތޮޅާއި ރަށް، މިހާރު އުޅޭ އެޑްރެސް އަދި މޯބައިލް ނަންބަރު ހިމަނަން ޖެހެއެވެ. މީގެ އިތުރުން މާލެއިން ފުރި ތާރީޚާއި، ދަތުރުކުރަން ބޭނުންވާ ސަބަބާއި އަދި އީމެއިލް އެޑްރެސް ހިމެނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މީގެ ކުރިން އެކި ބޭނުންތަކަށް ރަށްރަށަށް ގޮސްތިބި މީހުންގެ ތެރެއިން އެނބުރި ރަށަށް ނުދެވި ތިބި މީހުންގެ މަޢުލޫމާތު ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭއިން ވަނީ ހޯދަން ފަށާފައެވެ.

ކޯވިޑް-19ގެ ފުރަބަންދުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތާށިވެފައި ތިބި ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައިވެސް އެމީހުންގެ އުދާސްތައް ފާޅުކުރަމުންނެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން އެނބުރި ރަށަށް ނުދެވި ތާށިވުމުން ދިމާވާ ދަތިކަން ހައްލުކުރުމައްޓަކައި ރަށު ކައުންސިލްތަކާއި ޖެންޑަރ މިނިސްޓްރީއިން އަދި ސޯޝަލް ސަޕޯޓް ގްރޫޕުން ދަނީ އެފަދަ މީހުންނަށް އެހީވުމަށް މަސައްކަތްކުރަމުންންވެ. އެގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްތައް ދަނީ ކުރަމުންންވެ.