ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ތުރުކީގެ އެހީތެރިކަމަށް އެދިއްޖެ

ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ތުރުކީވިލާތުގެ އެހީއަށް ދިވެހިރާއްޖެއިން އެދިއްޖެއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ތުރުކީގެ ފޮރިން މިނިސްޓަރ މެވްލޫތް ޗަވްޝަގްލޫއަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ދެބޭފުޅުން ވަނީ، ކާރިސާގެ މިދަނޑިވަޅުގައި ބައިނަލްއަޤްވާމީ މައިދާނުގައި އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދަތި ޙާލުގައިވާ ޤައުމުތަކަށް އެހީވުމަށް އަވަސް ފިޔަޅަވަޅުތަކެއް އެޅުމުގެ މުހިންމުކަންވެސް ދެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވަނީ، މި ކާރިސާގެ ނުރަނގަޅު އަސަރު ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާކަން ފާހަގަކުރައްވައި މިކަމުން ރައްޔިތުންނަށް ކުރާ އަސަރު ވީހާވެސް ކުޑަކުރުމަށް ގިނަ މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ތުރުކީވިލާތުގެ ސަރުކާރުގެ އެހީއަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއިން ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް ތުރުކީވިލާތުގެ އެހީއަށް އެދިފައިވާއިރު މީގެ ކުރިންވެސް ރާއްޖެއަށް ވަނީ ބޭރުގެ ގިނަ ޤައުމުތަކެއްގެ އެހީ ލިބިފައެވެ. އެގޮތުން އިންޑިއާ، ޗައިނާ، އެމެރިކާ އަދި ބަނގްލަދޭޝްގެ އެހީ ރާއްޖެއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން އިތުރު އެހީ ހޯދުމަށްވެސް ސަރުކާރުންދަނީ މަސައްކަތް ކުރައްވަމުންންވެ. ކޯވިޑް-19އާ ގުޅިގެން ދުނިޔެއަށް ކޮށްފައިވާ އިޤްތިޞާދީ އަސަރުތަކާއި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި މިއަހަރު ލިބޭނެކަމަށް މިހާރު ބެލެވެނީ 15.2 ބިލިޔަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.