ޚަބަރު

ފުލުހުންގެ ފޮރެންސިކް ލެބްގައި ކޯވިޑަށް ޓެސްޓް ކުރަން ފަށައިފި


ކުރެއްދޫ ރިސޯޓުން ނެގި 173 ސާމްޕަލް ފުލުހުންގެ ފޮރެންސިކް ލެބްގައި ހުންނަ މެޝިން ބޭނުންކޮށްގެން ޓެސްޓްކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ކޯވިޑް 19 ފެތުރެމުންދާތީ ލިބެންހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ޓެސްޓް ކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށް އެޗްޕީއޭއިންދަނީ މަސައްކަތްކުރަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މި މަސައްކަތަށް އެހީވުމަށް ފުލުހުންގެ ލެބޯޓްރީގެ ޕީސީއާރް މެޝިންތައް މިހާރު ބޭނުންކުރަން ފަށާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް ފުލުހުންގެ ޕޮރެންސިކް ލެބްގައި ކުރެއްދޫގެ 173މީހުންގެ ސާމްޕަލް ޓެސްޓް ކުރަމުންދާކަމަށް ނަވީން ވިދާޅުވިއެވެ.

"ލެބްގެ މެޝިން ބޭނުންކުރަންފަށާފައި މިހާރު ވަނީ. ފުރަތަމަ މިކުރަނީ ކުރެއްދޫގެ ސާމްޕަލްތައް. މިރޭގެ 08:30ގެ ކުރިން ޓެސްޓްކޮށް ނިންމައި ނަތީޖާތަށް އެޗްޕީއޭއާއި ހަވާލުކުރެވޭނެ." ނަވީން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ޓެސްޓް ކުރަމުން އައިސްފައިވަނީ އައިޖީއެމް ހޮސްޕިޓަލްގައި އެކަންޏެވެ. އެ ހޮސްޕިޓަލްގައި ހުރި 2 މެޝިނުގެ އިތުރުން، އިތުރު މެޝިނެއް ގެނެސްގެން މިހާރުދަނީ ޓެސްޓް ހަދަމުންނެވެ. އައިޖީއެމްއެޗްގައި ދުވާލަކު 300 ޓެސްޓް ހެދޭނެ ކެޕޭސިޓީވަނީ ޤާއިމުކޮށްފައެވެ.

ސަރުކާރުންދަނީ އަތޮޅުތަކުގެ 3 ސަރަޙައްދެއްގައި ހުރި ޖީން އެކްސްޕަރޓް މެޝިން ބޭނުންކޮށްގެންވެސް ކޯވިޑަށް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ. ކޯވިޑް-19އަށް މިހާތަނަށް ރާއްޖެއިން 5700އަށްވުރެ ގިނަ ޓެސްޓް ކޮށްފައިވެއެވެ.