ޚަބަރު

ކޯވިޑް-19 : އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާގެ ދަރަނި ނަގަން މަޖިލީހުން ހުއްދަދީފި


ކޯވިޑް-19އާ ގުޅިގެން ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާގެ ދަރަންޏެއް ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓަރަށް ދެއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ސަރުކާރަށް ދިގުމުއްދަތަކަށް ދަރަނި ނެގޭނެގޮތް ހެދުމަށް ދައުލަތަށް ދަރަންޏަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އިސްތިސްނާކޮށް 4.4 ބިލިއަން ރުފިޔާ ނެގުމުގެ ހުއްދަ ދިނުމަށް މަޖިލީހުން ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 60 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫގެ 32ވަނަ މާއްދާގެ (ހ)އާއި (ރ)އާއި (ބ)އަށް އަމަލުކުރުން އެއް އަހަރު ދުވަހަށް އިސްތިސްނާކޮށްދެއްވުމަށެވެ.

މި މާއްދާތަކުގައި ބަޔާންކޮށްފައިވަނީ، ދައުލަތުގެ މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ، 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާޞްކުރާގޮތަށް، އެއިރެއްގެ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށްނޫން ރޭޓެއްގައި އެޑްވާންސެއްގެ ގޮތުގައިކަމަށެވެ. މިގޮތުން ފައިސާ ނެގޭނީ، ވޭތުވެދިޔަ 3 އަހަރުގައި ސަރުކާރަށް ލިބުނު ޖުމްލަ ޢާމްދަނީގެމައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ %1އަށްވުރެ އިތުރު ނުވާނޭ ގޮތެއްގެމަތިންކަމަށްވެސް ޤާނޫނުގައިވެއެވެ.

އަދި ދައުލަތުން ދަރަންޏަށް ފައިސާ، ނަގަންވާނީ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކަށާއި، އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނިކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ދަރަނި އަދާކުރުމަށްޓަކައި، ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމުގެ ބޭނުމަށްޓަކައި، ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، މަރުކަޒީ ބޭންކުން، ސަރުކާރުން ދަރަންޏަށް ފައިސާ ނެގިދާނެކަމަށްވެސް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެމްއެމްއޭއިން ދަރަނި ނެގުމަށް ތާޢީދުކޮށް ގިނަ މެންބަރުން ބަހުސް މަރުޙަލާގައި ވާހަކަފުޅުދެއްކެވިއެވެ. ނަމަވެސް މެންބަރުންވަނީ ފިނޭންސް މިނިސްޓްރީން މިފައިސާ ޚަރަދުކުރާނެގޮތުގެ ތަފްސީލް މަޖިލީހަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ. މިމައްސަލައަށް ތިން ދުވަސްވަންދެން މެންބަރުން ބަޙުސްކުރެއްވީ ބަޖެޓް އުސޫލުންނެވެ. 57 މެންބަރުން މި މައްސަލައަށް ބަހުސްކުރެއްވިއެވެ.