ކަރަންޓީން ފެސިލިޓީއަށް ދާން ދެކޮޅުހެދި ދިވެއްސަކު ކަރަންޓީން ފެސިލީޓީއެއްގައި ބަންދުކުރުމުގެ އަމުރެއް އަނެއްކާވެސް ސިވިލްކޯޓުން ނެރެފިއެވެ.
ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލު ހާލަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ކަރަންޓީނަށް ގެންދިއުމުގެ އަމުރެއް މިމަހުގެ 20 ވަނަ ދުވަހުވެސް ސިވިލް ކޯޓުން ނެރެފައިވެއެވެ.
ކަރަންޓީންއަށް ދާން އިންކާރު ކުރި އިތުރު މީހެއްގެ މައްޗަށް ކަރަންޓީންއަށް ދިޔުމަށް ރޭ ދަންވަރު ނެރުނު ޢަމުރުގައި އެމީހާ ކަރަންޓީނަށް ގެންދިއުމާއެކު ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީން ފެސިލިޓީއެއްގައި ބަންދުކުރުމަށް އެމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފުލުހުންނަށް ވަނީ އަންގާފައެވެ.
މާލެއިން ނުވަތަ ރާއްޖޭގެ އެހެން ރަށަކުންވެސް މީހުން ކަރަންޓީނަށް ގެންދަން ނިންމައި އެކަން އަންގަނީ ކޯވިޑް-19ގެ އަލާމާތްތަކެއް ހުރުމުން ނުވަތަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ބަލި ހުރިމީހަކާއި ދިމާވެފައިވާކަން އެނގިފައިވާ މީހުންނެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ އާއްމު ސިއްޙަތުގެ ރައްކާތެރިކުރުމާބެހޭ ގާނޫނުގެ ދަށުންނެވެ. ކޯވިޑް19 ގެ މިހާލަތުގައި މިފަދަ މައްސަލަތަކުގައި ކޯޓު އަމުރު ނެރުއްވާނެގޮތުގެ އުސޫލެއް ވަނީ ކަނޑައަޅާފައެވެ.