ޚަބަރު

ދަމަނަވެށިން ދެން ވެކްސިން ދިނުމުގެ ޚިދުމަތް ފަށާނީ މޭ 3ގައި


އަންނަ މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ވެކްސިން ދިނުމުގެ ޚިދުމަތް އަލުން ފަށާނެ ކަމަށް ދަމަނަ ވެށިން ބުނެފިއެވެ. ދަމަނަ ވެށިން ބުނެފައިވަނީ ޤައުމީ ވެކްސިން ޝެޑިއުލްގައި ހިމެނޭ ވެކްސިންތައް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންކަމަށެވެ.

ހުކުރު ދުވަހާއި، ހޮނިހިރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 01:00 އަށް ދަމަނަ ވެއްޓަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެއްދޭނެއެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅާނީ ދަމަނަ ވެށީގެ ނަންބަރު 3322403 އަށެވެ.

އެޕޮއިންޓްމަންޓް ހައްދާއިރު ކުއްޖާގެ ނަމާއި، އުފަން ތާރީޚާއި، އެންމެ ފަހުން ވެކްސިން ޖެހި ތާރީޚާއި، ޖެހި ވެކްސިންތަކުގެ ނަމާއިގުޅޭ މަޢުލޫމާތު ދޭންޖެހޭނެއެވެ. އަދި ކުއްޖާ މިވަގުތު ދިރިއުޅެމުންދާ ގޭގެ ނަމާއި، އެގެއަކީ މޮނިޓަރިންގއަށް ލާފައިވާ ގެއެއްކަން ނުވަތަ ނޫންކަމުގެ މަޢުލޫމާތު ފޯރުކޮށްދޭން ޖެހޭނެކަމަށް ދަމަނަ ވެށިން ބުނެއެވެ.

ވެކްސިންގެ އިތުރުން އުމުރުން 5 އަހަރުން ދަށުގެ ކުދިންނަށް ދޭ ފަނި ބޭހާއި ވިޓަމިން-އޭ ދޫކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ދަމަނަ ވެށިން ބުނެއެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 01:00 އާއި ދެމެދު ކުއްޖާގެ ވެކްސިން ފޮތް ހިފައިގެން ބެލެނިވެރިއާ ދިއުމުން ބޭސް ދޫކުރާނެ ކަމަށް ދަމަނަ ވެށިން ބުނެއެވެ.

މީގެއިތުރަށް 40 އަހަރުން ދަށުގެ މީހުންނަށް އެމް-އާރް ވެކްސިން ޖެހުމާއި، އިންފްލުއެންޒާ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށްވެސް އެޕޮއިންޓްމަންޓް ހެދުމަށް 332403 އަށް ގުޅުމަށް ދަމަނަ ވެށިންވަނީ އިރުޝާދު ދީފައެވެ. މި ޚިދުމަތްތައް ހޯދުމަށް އަންނައިރުވެސް އައިޑީ ކާޑާއި، އަދި ތުއްތު ކުއްޖެއްނަމަ އެކުއްޖެއްގެ ވެކްސިންގ ފޮތް ގެންނަންޖެހޭނެކަމަށް ދަމަނަވެށިންވަނީ ބުނެފައިވެއެވެ.

މި ޚިދުމަތްތައް ފިޔަވައި ދަމަނަވެށީގެ އިތުރު ޚިދުމަތްތައްވަނީ މިވަގުތަށް މެދުކަނޑާލާފައެވެ.