ޚަބަރު

ކޯވިޑް-19 : ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރުންގެ މަޝްވަރާ ބައްދަލުވުމުގައި ދިވެހިރާއްޖެ


ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝަވަރާކުރުމަށް ބާއްވާ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ސިލްސިލާ ވީޑިއޯ ކޮންފަރެންސް ބައްދަލުވުންތަކެއްގެ ގޮތުގައި ކުރިއަށްގެންދާ މިބައްދަލުވުމަކީ، މި ދަނޑިވަޅުގައި ޓްރެވެލް އެންޑް ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މިކަމުން އަރައިގަތުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ ވީޑިއޯ ކޮންފަރެންސެކެވެ.

"ސައުތް އެޝިއަން ޑިޖިޓަލް ޓްރެވަލް ކޮންވަޒޭޝަން"ގެ ނަމުގައި ބާއްވާ މި ބައްދަލުވުމަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޓްރެވެލް އެންޑް ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ލީޑަރުން ބައިވެރިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މަޢުލޫމާތު ހިއްސާކުރައްވަމުން މި ބައްދަލުވުން އިންތިޒާމުކޮށް ހިންގާ ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ބައްދަލުވުމަކީ މި ދަނޑިވަޅުގައި މިދާއިރާ ކޮޅަށް ޖެހުމަށް ޒަރޫރީ ކަމެއް ކަމުގައެވެ. 45 މިނެޓަށް ދެމިގެންދާ މި ބައްދަލުވުމުގައި މޮޑަރޭޓަރެއް ހިމެނޭހެން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޓްރެވެލް އެންޑް ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ލީޑަރުން ފުޅާދާއިރާއެއްގައި މި މައްސަލައާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. ސަޓާ އެވޯޑްސްގެ ސޯޝަލް މީޑިއާގެ އެކި މީޑިއަމްތަކުން ލައިވް ކުރާ މި ބައްދަލުވުން ބާއްވާނީ ކޮންމެ ހޮނިހިރު ދުވަހަކު ޖީއެމްޓީ ގަޑިން އެގާރަ ގަޑި ތިރީހުގައެވެ.

ވަކި ވަކި މަޢުޟޫއެއް ނަގައިގެން ކުރިއަށްގެންދާ މި ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުމުގެ މަޢުޟޫއަކީ، "ދެކުނު އޭޝިއާގެ ޤައުމުތަކުގެ ޓްރެވަލް ޓްރޭޑް ދާއިރާ އަލުން ބިނާކުރުން" މި މަޢުޟޫއެވެ. މި ބައްދަލުވުމުގެ މޮޑަރޭޓަރެއްގެ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާނީ، ސަޓާ އެވޯޑްސްގެ ނައިބު ރައީސް ސޫރަޖް ޚާންއެވެ. މި ބައްދަލުވުމުގައި ސްޕީކަރުންގެ ގޮތުގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ތައްޔިބު މުހައްމަދުގެ އިތުރުން މި ދާއިރާގެ ތަޖުރިބާކާރު އިތުރު ދެ ބޭފުޅަކު ބައިވެރިވެވަޑައިގަންނަވައެވެ.