ބަލިމަޑުކަމެއް ފެތުރެމުންދާއިރު ރޯދަހިފުމުގައި ބައެއް ކަންކަމަށް ސަމާލުވާން ޖެހެއެވެ. ގިނަ ވަގުތު ނުކައި ނުބޮއެ، ހުރުމަކީ މީހާގެ ދިފާއީ ނިޒާމް ކޮންމެސް ވަރަކަށް ބަލިކަށި ކުރާ ކަމެކެވެ. ނަމަވެސް މިކަން ބަރޯސާ ވަނީ ރޯދަ ވީއްލުމަށްފަހު މީހާ ކައި ބޮއެ ހަދާ އެއްޗެއްގެ މައްޗަށެވެ. މީހާގެ ދިފާއީ ނިޒާމް ވަރުގަދަކޮށް ބެހެއްޓުމަށް ރޯދަ ވީއްލާ ވަގުތު އަދި ރޯދަ ވީއްލުމަށްފަހު ކާތަކެތި މުހިއްމު ދައުރެއް އަދާކުރެއެވެ.
ޔުނިވަސިޓީ އޮފް ސަސެކްސްގެ އިމިއުނޮލޮޖިސްޓް ޑރ.ޖެނާ މަޝީއޯޗީ ވިދާޅުވީ މީހާއަަށް އިންފެކްޝަނެއް ޖެހިއްޖެނަމަ އިންފެކްޝަނާ ދެކޮޅަށް ހަށިގަނޑު ހަނގުރާމަކުރަން ގިނަ ހަކަތަ ބޭނުންވާކަމަށެވެ. އެގޮތުން ރޯދަ ވީއްލާ ވަގުތު ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން މުހިއްމުކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން މެކްރޯ ނިއުޓްރިއެންޓްސް އަދި މައިކްރޯ ނިއުޓްރިއެންޓްސް ހުންނަ ބާވަތުގެ ކާނާ ރޯދަ ވީއްލުމަށާއި، ތަރާވީސް އަދި ހާރުދަމަށް ކެއުމުން ރޯދައަށް ހުންނަ ގަޑީގައި މީހާގެ ދިފައީ ނިޒާމް ވަރުގަދަކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހި ވާކަމަށް ސިއްހީ މާހިރުން ބުނެއެވެ.
މަހުގެ ބާވަތްތަކާއި، ބިސް، ކިރުގެ ބާވަތްތަށް، ބީންސް، އެކި ބާވަތުގެ ނަޓްސް، މުގުގެ ބާވަތްތަކާއި ސޯއީ އަދި ޓޯފޫ ގެ ބާވަތްތަށް ރޯދަ ވީއްލުމަށް ފަހު ކެއުން މުހިންމެވެ. އަދި ފްރެޝް ތަރުކާރިއާއި މޭވާގެ ބާވަތްތައް ގިނައިން ކެއުންވެސް އެއީ މީހާގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަމެކެވެ.
ރޯދަ ވީއްލުމަށްފަހު ކެއުމުގައި ވިސްނަން ޖެހޭ އިތުރު ކަމެއް ވެސް އޮވެއެވެ. އެއީ މާމަދުން ނޫނީ މާ ގިނައިން ނުކެއުމެވެ. ގިނައިން ކެއުމުންވެސް ދިފާއީ ނިޒާމް ބަލިކަށިވުމަށް ފުރުސަތު ބޮޑުވެއެވެ.
ރޯދަ ވީއްލުމަށްފަހު މީހާގެ ހަށިގަނޑަށް ބޭނުންވާ ވަަަރަށް ފެން އަދި ދިޔާ އެއްޗެތިވެސް ބޯންޖެހެއެވެ. އެހެންނޫނީ މީހާ ޑީހައިޑްރޭޓްވުމުގެ ފުރުސަތު ބޮޑެވެ. އަނެއްކޮޅުން ކެއުމާއެކު މީހާގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ދުޅެހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެއެވެ. 8 ގަޑިއިރު ނިދުމާއި، ކަސްރަތުކޮށް، ހެލިފެލިވެއުޅުމަކީ ރޯދަމަހުވެސް ކުރުން މުހިންމު ކަންތަކެވެ.
ކޮންމެއަކަސް ރޯދައަށް ހުރުމަކީ އޭގެ ޒާތުގައި ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ ކަމެއްކަން މިހާރުގެ އެކި ހޯދުންތަކުންވެސް ދަނީ ފެންނަމުންނެވެ. މިގޮތުން ހަށިގަނޑުގެ ސެލްތައް އާ ވުމާއި، ކޮލެސްޓްރޯލް، ހަކުރު އަދި ބްލަޑް ޕްރެޝަރ ހުންނަ މީހުންވެސް ރަނގަޅު ކާނާ ކައިގެން ރޯދައަށް ހުންނަނަމަ ސިއްހީ ގޮތުން ފަސޭހަތައް ވާކަން ހޯދުންތަކުން ފެނިފައިވެއެވެ.