ޚަބަރު

ރަމަޟާން މަހުގެ ރަސްމީގަޑިއަކީ ހެނދު 10 އިން މެދުރުފަހު 2 އަށް


މި ހިނގާ 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށުނީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްވަރެއްގައި ކަމަށްވާތީ، ރަމަޟާން މަހުގެ ދުވަސްތަކުގައްޔާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމާބެހޭ ގޮތުން މިމަހުގެ 17 ވަނަ ދުވަހު އާންމު ކުރައްވާފައިވާ ދެންނެވުމުގައިވާ ގޮތަށް ޢަމަލުކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޯވިޑް 19 އާއިގުޅިގެން މާލެ ސަރަހައްދު ފުރަބަންދަށް ގޮސްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ކުރިން 2 ފަހަރެއްގެ މަތީން ވަނީ ސަރުކާރުން ބަންދުކޮށްފައެވެ. ފުރަބަންދުގެ މުއްދަތު އިތުރުކުރުމާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ހުޅުވުންވެސް މިމަހުގެ 30 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ކޯވިޑް 19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ވީނަމަވެސް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖައްސަވައި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަންނަވާފައެވެ.

އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައި، ބައެއް ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމުވެސް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަޝްވަރާއާއެކު ވަނީ ހަމަޖައްސަވާފައެވެ.

އޮފީސްތައް ނުހުޅުވާ މުައްދަތުގެ ތެރޭގައި މެދުނުކެނޑި ލިބޭނެ ޚިދުމަތްތައް:

(ހ) ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
(ށ) ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
(ނ) ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
(ރ) ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛
(ބ) ބޭންކުތަކުން ދޭ ޚިދުމަތް؛
(ޅ) ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
(ކ) ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
(އ) ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
(ވ) ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
(މ) ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
(ފ) ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
(ދ) ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
(ތ) އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
(ލ) ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛
(ގ) ޖަލުތަކުގެ ޚިދުމަތް؛
(ޏ) ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛
(ސ) މޫސުމާބެހޭ ޚިދުމަތް.

އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުނަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރައްވާފައިވާ ދެންނެވުމުގައިވެއެވެ.