ޚަބަރު

ކޯވިޑް-19 : މިހާތަނަށް 69 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިހާތަނަށް 69 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވަނީ، މިހާތަނަށް އާއިރު އެ މިނިސްޓްރީއިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.

އެ މިނިސްޓްރީބް ވަނީ، މިހާތަނަށް އައިއިރު މާލެ ސަރަޙައްދުގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ޙާލުގައި ޖެހުނު 11 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ 100 އަށް ވުރެ ގިނަ ގައިދީންވެސް ދޫކޮށްލާފައެވެ. މި މުއްދަތުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއިން ވަނީ، ޖަލު ބަންދަށް ފަހު މާލެ ސަރަޙައްދުގައި ތިބި މީހުންގެ ތެރެއިން 16 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ދިމާވާ އިޤްތިޞާދީ ހާލަތާއި ގުޅިގެން ކުލި ނުދެއްކިގެން ގެއިން ބޭރުކޮށްލި ގިނަ މައްސަލަތަކެއް ވަނީ ރިކޯޑްކޮށްފައެވެ. ޖެންޑަރ މިނިސްޓްރީއިން ވަނީ މިފަދަ ޙާލަތް މެދުވެރިވި 2 ޢާއިލާއެއްގެ 6 މީހަކަށް އެހީތެރިވެފައެވެ. މީގެ އިތުރުން ބޯހިޔާވަހިކަމެއްނެތި މަގުމަތީގައި އުޅެމުންދިޔަ 13 މީހަކާއި ބޭސްފަރުވާ ހޯދުމަށްޓަކައި މާލެ ސަރަޙައްދަށް ޒިޔާރަތްކުރި 3 މީހަކަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބޯހިޔާވަހިކަން ނެތި އުޅުނު 20 މީހަކަށްވެސް ވަނީ އެހީތެރިވެފައެވެ.

ޖެންޑަރ މިނިސްޓްރީއިން ކުރި ޓުވީޓް

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ހުޅުމާލެ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްވެސް ވަނީ ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަން ނިންމާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޣާޒީ ސްކޫލާއި ރެހެންދި ސްކޫލް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން މި ޙާލަތުގައި ޙާލުގައިޖެހޭ ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ޙާއްސަ އިންތިޒާމުތަކެއް ހަމަޖައްސަވާފައެވެ. އެގޮތުން ކަސްޓަމްސްއަށް ޑިއުޓީ ނުދައްކާހުރި ޕްރީ-ފެބްރިކޭޓެޑް ގެތަކެއް ރާވައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ގުޅީފަޅުގައި އިމާރާތްކޮށް ނުނިމިހުރި ތަންތަން ތަރައްްޤީކޮށް އެތަންތަނަށް ތިން ހާހަށްވުރެ ގިނަ ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.