ޚަބަރު

ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ކަރަންޓީނަށް ގެންގޮސްފި


ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލު ހާލަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ކަރަންޓީނަށް ގެންގޮސްފިއެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކަރަންޓީން ފެސިލިޓީއެއްގައި އެ ދެމީހުން ބޭތިއްބުމަށް ފުލުހުންނާއި ހެލްތް ޕްރޮަޓެކްޝަން އެޖެންސީ މައްޗަށް އަމުރު ނެރެފައިވަނީ ސިއްހީ ކުއްލި ކުރައްކަލު ހާލަތުގައި ޑިރެކްޓަރ ޖެނަރަލް އޮފް ބަޕްލިކް ހެލްތް ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން ކަރަންޓީނަށް ދިއުމަށް އެންގުމުން އެ ކަމާ ދެކޮޅުހެދުމުންކަމަށެވެ.

އެ ދެމީހުން ކަރަންޓީނަށް ގެންދަން އެޗްޕީއޭއިން ބޭނުންވީ ކޮވިޑް-19ގެ އަލާމާތްތަކެއް ހުރުމުންނެވެ. ކޯޓު އަމުރެއްގެ ދަށުން ކަރަންޓީނަށް ގެންދަން އަމުރުކޮށްފައިވަނީ މާލޭގެ އެއް ގެއެއްގައި އުޅެމުނަދިޔަ އަންހެނަކާ ފިރިހެނެކެވެ. ވަކިން ނެރުނު އެ ދެ އަމުރު ނެރެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ އާއްމު ސިއްހަތު ރައްކާތެރިކުރުމާބެހޭ ގާނޫނުގެ ދަށުންނެވެ. އެހެން ކޯޓުތަކޭ އެއްގޮތައް ސިވިލް ކޯޓުންވެސް ގެންދަނީ އޮންލައިންކޮށް މައްސަލަ ބަލައިގަނެ އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރުކޮށް ޝަރީއަތްތައް ކުރިއަށް ގެންދަމުންނެވެ.