ޚަބަރު

ކޯވިޑް-19 : ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަން ފުލުހުން މޮނިޓަރ ކުރަން ފަށައިފި


މަލޭގައި ތޮއްޖެހިގެން ބިދޭސީން އުޅޭތަންތަން މޮނިޓަރކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެެވެ.

ބިދޭސީން ތޮއްޖެހިފައިވާ ތަންތަން މޮނިޓާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި މިއަދާއި ހަމަޔަށް 6 ތަނެއް ފުލުހުންދަނީ ބަލަހައްޓަމުންނެެވ. މިފަދަ ތަންތަނަށް ފުލުހުން މޮނިޓަ ކުރުމަށްދާއިރު ޒަރޫރީ ބޭނުމެއްގައިފިޔަވައި އެފަދަ ތަންތަނުން މީހުންނަށް ނިކުމެ ނިކުމެ ނޫޅެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ކޯވިޑް-19 ފެތުރެމުންދާތީ މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ބިދޭސީންގެ މެދުގައި މިބަލި ފެތުރިގެން ދިއުމުގެ ފުރުޞަތު ބޮޑުކަމަށް، ބެލެވޭތީ މިބަލި ފެތުރުން ކޮންޓްރޯލްކޮށް ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އަދަދެއްގެ ބިދޭސީން އެއްކޮށް ދިރިއުޅޭ ތޮއްޖެހިފައިވާ ތަންތަނަށް، މީހުން ވެދެ ނިކުމެ އުޅުންކޮންޓްރޯލްކޮށް މޮނިޓަ ކުރުމުގެ މަސައްކަތް ފަށަފައިވަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ގުޅީފަޅުގައި އިމާރާތްކޮށް ނުނިމިހުރި ތަންތަން ތަރައްޤީކުރަންވަނީ ފަށާފައެވެ. ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން ޖާގަ ތަނަވަސް ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސްދަނީ ކުރަމުންނެވެ.

މިހާތަނަށް މީގެ ތެރެއިން 300 އަށް ވުރެ ގިނަ ބިދޭސީންނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސައި އެތަންތަނަށް ވަނީ ބަދަލުކޮށްފައެވެ. އަދި އިތުރު ގިނަ ތަންތަން ދަނީ ތަރައްޤީކުރަމުންނެވެ.