ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ކޯވިޑް-19 ފެތުރެމުންދާތީ އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯއްދެވުމާއި ގުޅޭގޮތުން ނެރުއްވި ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައި ވަނީ ކޯވިޑް-19 ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވާ އަމުރުތަކާއި، ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ވަނީ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ސިޓީ ކައުންސިލްތަކުގައާއި، އަތޮޅު ކައުންސިލުތަކުގައާއި، ރަށްރަށުގެ ކައުންސިލުތަކުގައި އުފައްދަވައިފައިވާ ޓާސްކް ފޯސްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ކައުންސިލްތަކުން ކަންކަން ރާއްވަވައި ހިންގެވުމަށާއި، މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޟަރޫރީ ޚިދުމަތްތައް ދިނުމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިހައިތަނަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އެއްބަޔަކީ ދައުލަތުގެ މުވައްޒަފުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19، ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ހަލުވިކޮށް ފެތުރެމުންދާތީ، ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރުވަމުން ދިޔުމާއެކު، ޓާސްކް ފޯސްތަކާއި، ކައުންސިލްތަކާއި، ސިޓީތަކާއި ރަށްރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ޖުޑީޝަލް ސަރވިސްގެ މުވައްޒަފުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އެހީތެރިކަން ބޭނުންވާތީ، ކަމާބެހޭ ފަރާތްތަކުން އެދިވަޑައިގަތުމުން، މުވައްޒަފުންގެ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.
އަދި ޤައުމަށް ކުރިމަތިވެފައިވާ މި ބޮޑު ކާރިސާއިން އަރައިގަތުމަށްޓަކައި ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައިވެއެވެ.