ވިޔަފާރި

ކޯވިޑް-19: ޤަތަރު އެއަރވޭސްގެ ފްލައިޓުގައި ފުރާ މީހުންގެ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެ


މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޤަތަރު އެއަރވޭސްގެ ފްލައިޓުގައި ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީއާއި ހިއްސާކުރުމަށް އެދިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ޤަތަރު އެއަރވޭސްގެ ފްލައިޓުގައި ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަމައަށް ދިޔުމަށް ފުލުހުންގެ ޙާއްސަ ހުއްދައެއް ހޯދަންޖެހޭނެ ކަމަށެވެ. އަދި ރިސޯޓުތަކާއި، ގެސްޓު ހައުސްތަކާއި ރަށު ކައުންސިލްތަކުން ފަސިންޖަރުންނަށް އެއްބާރުލުން ދިނުމަށް ޓޫރިޒަމް މިނިސްޓްރީންވަނީ އެދިފައެވެ.

މި ފްލައިޓުން ފުރުމަށް ޓިކެޓް ނަގާފައިވާ ފަސިންޖަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިޔުމުގައި އަމަލުކުރަންވީ ގޮތް ވަރަށް ތަފްޞީލުކޮށް މިނިސްޓްރީގެ ސަރކިއުލަރ ގައި ބަޔާންކޮށްފައިވެއެވެ. މި ސަރކިއުލަރގައިވާގޮތުން ޓިކެޓު ނަގާފައިވާ ފަރާތްތަކުގެ ނަމާއި، ޕާސްޕޯޓު ނަމްބަރު، މިހާރު ހުރިތަނެއް، ގުޅޭނެ ފޯން ނަމްބަރު އަދި އެއރޕޯޓަށް ދިޔުމަށް ހަމެޖެހިފައިވާ ގޮތް ބަޔާންކޮށް މިރޭ 23:59ގެ ކުރިން މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] ފޮނުއްވުމަށް ވަނީ އެދިފައެވެ.

މިހާލަތުގައި، ކަމާގުޅޭ އެންމެހައި އިދާރާތަކުން އަންގަވާ އެންގެވުންތަކާއި އެއްގޮތަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.