ޚަބަރު

ކޯވިޑް-19 : ރާއްޖޭގައި މިވަގުތު ކޮންމެ 1000 މީހަކަށް ފަރުވާދޭން ތިބީ 2 ޑޮކްޓަރުން - މަބްރޫކް


ރާއްޖޭހައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު އިތުރުވަމުންދާ ގޮތަށް އިތުރުވެއްޖެނަމަ ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން އަންނާނެ ކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

އެ ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ރާއްޖޭގައިތިބީ އާބާދީގެ ކޮންމެ އެއްހާސް މީހަކަށް 2 ޑޮކްޓަރުންނާއި، ކޮންމެ އެއްހާސް މީހަކަށް 7 ނަރުހުންކަމަށެވެ. ކަންމިހެން އޮތްއިރު ބަލިޖެހޭ މީހުންގެ ޢަދަދު ގިނަވެއްޖެނަމަ ފަރުވާދިނުމުގައި އުނދަގޫތަކާއި ކުރިމަތިވާނެކަމަށެވެ، ނަމަވެސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުކުރެވިއްޖެނަމަ އެ ދަތިތަކް ނާންނާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އެކަމު މި މަސައްކަތްކުރަނީ އަނެއްކާވެސް މި ލޮކްޑައުންއާވެސް އެކީގަ އަދި އިތުރަށް މި އެޅޭ ރެސްޓްރިކްޓިވް މެޝާރސްއާއި އެކީގައި އަޅުގަނޑުމެން ކުރިން އަންދާޒާކުރި ނުވަތަ އަޅުގަނޑުމެން އަންނަން ބޭނުންވާ ކާރވްގެ މައްޗަށްއެރޭތޯ. އެ ކާރވްއަށް ނޭރިއްޖެނަމަ ޑޮކްޓަރުންނާއި ނަރުހުންމަދުވާނެ." މަބްރޫކް ވިދާޅުވިއެވެ،

ރާއްޖޭގައި މިވަގުތު ސިއްޙީ ޚިދުމަތުގައި ތިބީ 905 ޑޮކްޓަރުންނާއި 2970 ނަރުހުންނެވެ. މީގެ އިތުރުން ބަންގުލަދޭޝްއާއި ނޭޕާލްގައި ސިއްޙީ ދާއިރާއިން ކިޔަވަމުންދާ ކުދިން ރާއްޖެ ގެންނަމުންދާކަމަށާއި، އެމީހުން 14 ދުވަހުގެ ކަރަންޓީން ނިންމުމަށްފަހު މެޑިކަލް ޓީމްތަކާއި ގުޅޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހުންނަށް ބޭނުންވާ އިތުރު ތަމްރީންވެސް ފޯރުކޮށްދެވޭނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް 19 އަށް 52 މީހުންވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 31 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.