ޚަބަރު

ކޯވިޑް-19 : އަމުރާއި ޚިލާފަށް ކުޅުދުއްފުއްޓަށް އެރި ބަޔަކު ހައްޔަރުކޮށްފި


ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވަނިކޮށް ހަދ.ކުޅުއްފުއްޓަށް ކެނޯއެއްގައި އެރި 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެގޮސްފިއެވެ.

ފުލުހުން ވިދާޅުވީ އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ނެރެފައިވާ އަމުރާއި ޚިލާފަށް ހދ.ނޮޅިވަރަން ފަރުން ހދ.ކުޅުދުއްފުއްޓަށް ކެނޯއެއްގައި ދިޔަ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ދެމީހުން ކުޅުދުއްފުށީ އެއަރޕޯޓް ރަންވޭގެ ހުޅަނގު ކޮޅުން ކެނޯއެއްގައި ދަނިކޮށް އެ ބަންޑުންޖަހާލާފައިވާ ކަމަށެވެ. ނަމަވެސް އެ ދެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށާ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނަކާއި، 30 އަހަރުގެ ފިރިހެނެއްކަމަށެވެ.

މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައި އެކަން ޢިއުލާންކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އެގޮތުން ވަކިގޮތެއް އަންގަންދެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެ، ވިލިމާލެ، ހުޅުމާލެ ފިޔަވައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަމުރުކުރައްވާފައެވެ. މިޙާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.