ޚަބަރު

ކޯވިޑް-19 : އެއްބާރުލުން ނުދިން މީހާ މިހާރު ދަނީ އެއްބާރުލުން ދެމުން


މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެއްބާލުން ނުދިނިން މީހާ މިހާރު އެޗްޕީއޭއަށް އެއްބާރުލުންދެމުންދާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެމީހާގެ ފަރާތުން މިހާރު އެއްބާރުލުން ލިބެމުންދާކަމަށާ މިދަނޑިވަޅަކީ ޕޮޒިޓިވްވާ މީހުންނާއި މުޅި މުޖުތަމައުގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުންދީ މިކަމުގައި ސާފު ތެދު މައުލޫމާތު ހާމަކުރަންވީ ވަގުތުކަމަށެވެ.

މަބްރޫކް ވިދާޅުވީ، ބައެއް މީހުން ކޯވިޑް-19 ޖެހުނު މީހުން ކަމަށްބުނެ ސޯޝަލްމީޑިޔާގައި އެކި މީހުންގެ ފޮޓޯއާއި އާންމު މައުލޫމާތު ހާމަކުރަމުންދާކަމީ ހިތާމަކުރައްވާކަމެއްކަމަށެވެ. އަދި މިކަމުގައި ހަގީގަތެއް ނުބަލައި ދައުރުކުރަމުންދާ ފޮޓޯތަކާއި މައުލޫމާތުތަކުގައި މިކަމާ ގުޅުމެއް ނެތް މީހުންގެ ފޮޓޯއާއި މަޢުލޫމާތުވެސް ހިމެނޭކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މީހުންގެ ޒާތީ މަޢުލޫމާތު މިފަދަ ކަންކަމާ ގުޅުވައިގެން ހާމަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްބެސް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން އެދޭ މަޢުލޫމާތެއް ދިނުމަށް ދެކޮޅުހަދާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ޙުސެއިން ޝަމީމްވެސް ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ޙާލަތުގައި މައުލޫމާތު ދިނުމަށް ދެކޮޅު ހެދުމަކީ ކުށެއް ކަމަށް ޤާނޫނުލްއުޤުބާތުގައިވެސް ކަނޑައަޅާފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކަށް ދެވޭ ކުށުގެ އަދަބުގެ ގޮތުގަައި ޖަލު ހުކުމްކަނޑައަޅާފައިވާ ކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

މިރޭގެ ޕްރެސްކޮންފަރެންސްގައި މަބްރޫކްވަނީ މިހާލަތުގައި ކަމާއިބެހޭ ފަރާތްތަކުން އާންމުނުކުރާ މައުލޫމާތުތަކަށް އެއްވެސް ރައްޔިތަކު ބަރޯސާނުވުމަށްވެސް އިލްތިމާސް ކުރައްވާފައެވެ. ކޯވިޑް-19ގެ ހާލަތާ ގުޅޭ މަޢުލޫމާތު އެއްވެސް ސިއްރުކަމެއްނެތި ރައްޔިތުންނަށް ހާމަކުރަމުން ގެންދާނެކަން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.