ޚަބަރު

ޤައުމީ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހައިޝަމްއަށް


  • ހައިޝަމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ނިބާލް އަހްމަދު ބަލިކޮށްގެން

  • އަންހެން ފައިނަލްގައި ނަބީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ނަބާ

50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސްބައިގެ ޗެމްޕިއަންކަން ހައިޝަމް އިބްރާހިމް އަލީ އަދި ނަބާހާ ޢަބްދުއްރައްޒާޤް ހޯދައިފިއެވެ.

މާފަންނު ކުޅިވަރު އެކުވެނީގައި ކުރިއަށްދާ މުބާރާތުގެ ސިންގަލްސް އަދި ޑަބަލްސްގެ ފައިނަލް މެޗުތައް ހޯމަދުވަހުގެ ހަވީރު ކުޅެފައިވާއިރު، ފިރިހެނުންގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހައިޝަމް ހޯދީ، ނިބާލް އަހްމަދު 2-1 ބަލިކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ސެޓުތައް ދިޔައީ 17-15، 08-15 އަދި 15-12 އިންނެވެ.

ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން ބޭއްވި ޤައުމީ ބޭޑްމިންޓަން މުބާރާތުގެ ފައިނަލުން ހައިޝަމް ޖާގަ ހޯދީ، ސެމީ ފައިނަލުގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ޒަޔާން ޒަކީގެ މައްޗަށް 15-06، 11-15 އަދި 15-04 އިން ކުރި ހޯދައިގެންނެވެ. އަދި ފައިނަލުގެ ޖާގަ ނިބާލް ކަށަވަރުކުރީ ހަސަން ޒަޔާން މުހައްމަދު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މިމެޗުގެ ސެޓުތައް ދިޔައީ 16-14 އަދި 15-10 އިންނެވެ.

މިއީ ހައިޝަމް ޤައުމީ މުބާރާތުގެ ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި އޭނާ ވަނީ މީގެކުރިން ބެޑްމިންޓަން ކުޅުން ހުއްޓާލާ ބްރޭކެއް ނަގާފައެވެ.

ޤައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާހާ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ނަބީހާ ޢަބްދުއްރައްޒާޤް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މިމެޗުގެ ސެޓުތައް ނަބާހާ ގެންދިޔައީ ފަސޭހަކަމާއެކު 15-06 އަދި 15-12 އިންނެވެ.

މުބާރާތުގެ ޑަބަލްސް މެޗުތަކަށް ބަލާއިރު، ފިރިހެނުންގެ ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ހައިޝަމް އިބްރާހިމް އަލީ އަދި މުހައްމަދު ޚަލަފް އިމްރާންގެ މައްޗަށް ކުރި ހޯދައިގެން ޒަޔާން ޒަކީ އަދި ނިބާލް އަހްމަދުގެ ޕެއާއިންނެވެ. މިމެޗުގެ ސެޓުތައް ދިޔައީ 15-07 އަދި 07-15 އިންނެވެ.

އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ނަބާހާ އަދި ނަބީހާގެ ޕެއާ ހޯދީ މައިސާ ފަތުޙުﷲ އަދި ޢާއިޝަތު އަފްނާން ރަޝީދުގެ ޕެއާ 15-04 އަދި 15-05 އިން ބަލިކޮށްގެންނެވެ.

މުބާރާތުގައި ދެން ކުރިއަށް އޮތީ ޓީމު އިވެންޓްތަކުގެ ފައިނަލެވެ. ފުރަތަމަ ޑިވިޝަން އަދި ދެވަނަ ޑިވިޝަނުގެ ޓީމު އިވެންޓުތަކުގެ ފައިނަލްގެ ކުޅުން ފެށޭނީ ބުރާސްފަތިދުވަހުގެ މެންދުރު 02:00ގައި އެވެ.