ޚަބަރު

ކޯވިޑް-19 : ތިންހާހެއްހާ ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގުޅީފަޅު ތަރައްޤީކުރަނީ


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ގުޅީފަޅުގައި އިމާރާތްކޮށް ނުނިމިހުރި ތަންތަން ތަރައްޤީކުރަން ފަށައިފިއެވެ. ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން ޖާގަ ތަނަވަސް ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސްދަނީ ކުރަމުންންވެ.

ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ ގިނަ އަދަދެއްގެ ބިދޭސީންނަށް މިބަލި ޖެހިފައިވާއިރު، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ އާބާދީ މި ބަލިން ރައްކާތެރިކުރުމަށް މަސައްކަތް ކުރަންދާކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ. މި ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑީ އިޖުތިމާޢީ ގައިދުރުކަން ނުހިފެހެއްޓޭ މީހުންނަށްކަން ފާހަގަކުރައްވާ މަބްރޫކްވަނީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން ޖާގަ ތަނަވަސް ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް އައިރު މީގެ ތެރެއިން 300 އަށް ވުރެ ގިނަ ބިދޭސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ބޯހިޔާވަހިކަމުގެ ވަސީލަތަކަށް ބަދަލުކޮށްފައިވާއިރު، އިތުރު ގިނަ ތަންތަން ދަނީ ތަރައްޤީކުރަމުންނެވެ. އެގޮތުން ކަސްޓަމްސްއަށް ޑިއުޓީ ނުދައްކާހުރި ޕްރީ-ފެބްރިކޭޓެޑް ގެތަކެއް ރާވައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ގުޅީފަޅުގައި އިމާރާތްކޮށް ނުނިމިހުރި ތަންތަން ތަރައްްޤީކޮށް އެތަންތަނަށް ތިން ހާހަށްވުރެ ގިނަ ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މި ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑީ އިޖުތިމާޢީ ގައިދުރުކަން ނުހިފެހެއްޓޭ މީހުންނަށް. ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން ޖާގަ ތަނަވަސް ތަންތަނަށް ބަދަލުކުރުން އެހެންވެ މުހިންމީ. ކަސްޓަމްސްއަށް ޑިއުޓީ ނުދައްކާހުރި ޕްރީ-ފެބްރިކޭޓެޑް ގެތަކެއް ރާވައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައި. މީގެ އިތުރުން ތިން ހާހަށްވުރެ ގިނަ ބިދޭސީން ގުޅީފަޅުގައި އިމާރާތްކޮށް ނުނިމިހުރި ތަންތަން ތަރައްޤީކޮށް އެތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން."

މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް19 ގެ ނުރައްކާ ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން މާލޭގައި ބިދޭސީން ތޮއްޖެހިފައި ތިބި ތަންތަން ބަލާ އެމީހުން އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެގޮތުން މިހާތަނަށް ވަނީ އެފަދަ 14 ތަނެއް ފާހަގަކޮށް އެތަންތާގައި ދިރިއުޅޭ ބިދޭސީން ވަގުތީގޮތުން ހުޅުމާލެއާއި ގުޅީފަޅުގައި ހުރި ބައެއް ޢިމާރާތްތަކަށް ގެންދިއުމަށް ނިންމާފައެވެ. އަދި ބައެއް ތަންތަނަށް ގޮސް އެތަންތަނުގައި ތިބި ބިދޭސީން ހުޅުމާލެއަށް ގެންގޮސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދަނީ ފުލުހުންނާއި ސިފައިންނާއި މާލެސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކުކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަން ތޮއްޖެހިފައިވާތީ ކުރިއަށްއޮތް ދެމަސްދުވަހުގެ ތެރޭގައި ހުޅުމާލެއާ ގުޅިފަޅަށް 5000 މީހުން ބަދަލުކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ،