ޚަބަރު

ކޯވިޑް-19 : މިންޖުވެވެން އޮތް އެންމެހައި ސަބަބުތަކެއްގައި ހިފައި ރޯދަޔަށް ތައްޔާރުވަމާ


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު، ރާއްޖެއަށްވެސް މިބަލީގެ ނުރައްކާތެރިކަން މިދަނީ އިންތިހާއަށް ފެތުރެމުންނެވެ. މިބައްޔަކީ ދުނިޔޭގެ ތަރައްޤީވެފައިވާ ޤަޢުމުތަކަށްވެސް ކޮންޓްރޯލްކުރަން ދަތިވެފައިވާ ބައްޔެކެވެ.

މިހާތަނަށް މިބައްޔަަށް އެއްވެސް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. މި ނުރައްކާތެރި ބައްޔާ އަޅުގަނޑުމެން ހަނގުރާމަ ކުރަމުންދާއިރު، ކުރިއަށްއޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. އެ މައްސަރަކީ ދިވެހިން ވަރަށްބޮޑު ސަމާލުކަމެއްދޭ މައްސަރެކެވެ. އެމައްސަރަށް ދިވެހިން މީގެކުރިން ވަރަށްބޮޑަށް ތައްޔާރުވަމުން އައިސްފައިވެއެވެ.

ގޯތިގެދޮރު ސާފުކުރުމާއި، ކުލަލައި ޒީނަތްތެރިކުރުންފަދަ ކަންތައްތައް ކުރެއެވެ. ގޭތެތެރެއާއި ޚާއްސަކޮށް ބަދިގެއަށް ބޭނުންވާ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު އައުކޮށް ހަދައެވެ. އެބައެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ރޯދަމަހަށް ތައްޔާރުވަނީ، ހަމަޖެހިލައިގެން ތިބެ ރޯދަ ހިފުމުގެ މަތިވެރި ނިޔަތުގައެވެ.

ދިވެހިރާއްޖެއަކީ އިޤްތިޞާދީ ގޮތުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެކެވެ. އެތަކެއް އާއިލާއެއްގެ ޚަރަދު ބަރަދު ބަލަހައްޓަމުން އައިސްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީއަކުންނެވެ. ކޯވިޑް 19އާ ގުޅިގެން ރިޒޯޓްތައް ވަނީ ބަންދުކުރަން މަޖްބޫރުވެފައެވެ. ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ބައިނަލްޢަޤްވާމީ ވައިގެ ބަނދަރު ބަންދުކުރަން ޖެހުމާ ގުޅިގެން ފަތުރުވެރިން އައުންވެސް ވަނީ މަޑުޖައްސާލެވިފައެވެ. މިކަމަކީ ކިހާ ދުވަހަކަށް ދިގު ދެމިގެންދާނެ ކަމެއްކަން އަންދާޒާކުރަން ދައްޗެވެ. ރިސޯޓުތަކުގެ ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ހިނގައްޖެއެވެ. އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށްވެސް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމަކާ ކުރިމަތިލާންޖެހިފައެވެ.

މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވަމުންއަންނަ ދިވެހި އާއިލާތަކަށްވެސް ކުރިން ލިބެމުން އައި ނަފާ ހޯދުމުގައި ވަނީ ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ. މިކަންކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ދަނީ ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

މިހާލުގައި ކުރިން ކުރަމުން އައި ކަންތައްތައް ކުރެވޭ ފަދަ ހާލަތަކަށް ނުވުމާއެކު، އަޅުގަނޑުމެންގެ ވިސްނުން މިވަނީ ބަދަލުކުރަންޖެހިފައެވެ. ބޮޑު އަގުގައި ފަރުނީޗަރ ހޯދުމާއި، ގޭތެރެއަށް ބޭނުންވާ އެހެނިހެން ސާމާނު ހޯދާނެތޯ ސުވާލުކޮށްލާން ޖެހެއެވެ. ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ނޫނީ ނުކުރުން އެއީ ބުއްދިވެރި ގޮތެއްކަމުގައި އިޤްތިޞާދީ މާހިރުން ފާހަގަކުރަމުން އެބަގެންދެއެވެ. މިދަތި އުނދަގޫ ޙާލަތުގައި އިޤްތިޞާދުކޮށް ދިވެހީން މީގެކުރިން ދައްކަމުން އައިސްފައިވާފަދަ ފުރިހަމަ
ނަމޫނާއެއް ދައްކަންޖެހެއެވެ. ލިބޭ މިންވަރަށް ބަލައި ޚަރަދުތައް ބައްޓަން ކުރަންޖެހެއެވެ.

ދިވެހީންނަކީ އިސްލާމްދީނަށް ލޯބިކުރާ ބައެކެވެ. ކޯވިޑް-19އާ ގުޅިގެން މާލޭގެ މިސްކިތްތައް ބަންދުކުރެވި ޖަމާޢަތުގައި ނަމާދުކުރުން މަޑުޖައްސާލެވިފައިވާތީ، އެކަމާ ވަރަށް ގިނަބަޔަކު ކަންބޮޑުވެއެވެ. ނަމަވެސް ދީނީ ޢިލްމްވެރިން ފާހަގަކުރައްވަމުން އެގެންދަވަނީ މިފަދަ ޙާލަތެއްގައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކަށް ބޯލަނބަން ޖެހޭނެ ކަމަށެވެ.

މި ނުރައްކާތެރި ދަނޑިވަޅުގައި މިސްކިތަށް ޖަމާއަތަށް ނުދެވޭ ފަދަ ޙާލަތެއް މެދުވެރިވި ކަމުގައި ވިޔަސް ގޭގައި ވަގުތުން ވަގުތަށް ނަމާދު ޤާއިމުކުރުމަށް ސަމާލުކަންދޭން ޖެހެއެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަ ކުރާންޖެހެއެވެ. ގޭތެރޭގައި ޤުރުއާން ކިޔެވުމުގައިވަގުތުތައް ހޭދަކުރަންޖެހެއެވެ. މި މަހަކީ ރަމަޟާން މަހަށް ތައްޔާރުވުމަށް ގިނަ ގިނައިން ސުންނަތް ރޯދަ ހިފަންޖެހޭ މަހެއްކަން ދީނީ އިލްމުވެރިން އެގެންދަވަނީ ފާހަގަކުރައްވަމުންނެވެ. ރޯދައަށްޓަކައި ހަށިގަނޑު ހާނުވައި އެމާތް މައްސަރަށް ތައްޔާރުވުމަށްޓަކައެވެ.

ރޯދައިގެ އަޅުކަމަށް ފުރިހަމައަށް ތައްޔާރުވުމަށްޓަކައި މާއްދީ ކަންތައްތައް އެއްފަރާތްކޮށް، މިނާޒުކު ހިނދުކޮޅުގައި ސަމާލުކަން ދޭންވީ ރޫޙާނީ ގޮތުން އަޅުގަނޑުމެންގެ ހިތްތައް ޢާރާކުރުމަށެވެ. އަޅުގަނޑުމެންގެ ނަފްސް ހިސާބުކޮށް، ދެވޭ މަގުގައި ކުރިއަށް ދިޔުމަށް ޢަޒުމު ކަނޑައެޅުމަށެވެ. އީމާންތެރިކަމުގެ މަތިވެރިކަމުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ރިވެތި އަޚްލާޤް އަށަގެންނެވުމަށެވެ.

ރޯދަ ހިފުމަކީ ކެތްތެރިކަން އަށަގެންނެވުމަށް ބާރު އަޅާ ޢައްޑަނައެކެވެ. މިމަތިވެރި އަޅުކަން އަޅުގަނޑުމެންނާ ކުރިމަތިލާއިރު، މިހިނދުކޮޅަކީ ކެތްތެރިކަމުގެ މަތިވެރި ނަމޫން ދައްކަން ޖެހިފައިވާ ވަގުތުކޮޅެކެވެ. ގެއިން ބޭރަށް ދިއުމުގެ ފުރުޞަތު ވަނީ ހަނިވެފައިއެވެ. އާންމު ދިރިއުޅުމުގައި ކުރަމުން އައި އެތައްކަމެއް ހުއްޓާލަން ވަނީ ޖެހިފައެވެ. ގޭތެރޭގައި ޖާގައިގެ ދަތިކަމާހުރެ، މިދަތިކަން އިތުރަށް ތަޙައްމަލުކުރާ އެތަކެއް ޢާއިލާއެއް އުޅެމުން އެބަ ދެއެވެ. އެހެންނަމަވެސް، މިއައި ބަދަލާއެކު، މާޔޫސްނުވެ، ކެތްތެރިކަން އިސްކުރުމުގެ މުހިއްމުކަން ބޮޑެވެ.

އުއްމީދު އާލާކޮށް، މިފަދަ ޙާލަތްތަކުގައިވެސް ދިރިއުޅުމާއިގެން ކުރިއަށްދާނެ ގޮތްތައް ރޭވުމަކީ އެހާމެ މުހިއްމުކަމެވެ. މިފަދަ ޙާލަތެއް މެދުވެރިވާކަށް އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އެހެންނަމަވެސް ދައްޗާއި އުނދަގޫ ތަޙައްމަލުކޮށް، ކެތްތެރިކަމުގެ ގަހަނާއިން އަޅުގަނޑުމެން ޒީނަތްތެރިވުމުގެ ހެޔޮކަން ބޮޑެވެ. ޤަބޫލުކުރަން ދަތިވިޔަސް، ދިވެހީންގެ ސާދާ ދިރިއުޅުމަށް ބަނަ ވިލާގަނޑެއްގެ އަސަރު މިވަނީ ފޯރާފައެވެ. އަޚްވަންތަ ކަމުގެ ގުޅުމުގެ ތެރެއިން އެކަކު އަނެކަކާ ބައްދަލުވުމުގެ ފުރުޞަތު ވަނީ ހަނިވެފައެވެ.

ކޯވިޑް-19ފަދަ ބައްޔެއް ފެތުރެމުންދާ ދަނޑިވަޅެއްގައި، އަތާ އަތްޖޯޑުކޮށް ސަލާމްކުރުން ރަގަޅު ނޫންކަމަށް، ކަމުގެ މާހިރުން އެދަނީ ފާހަގަ ކުރައްވަމުންނެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިކަމުން މިންޖުވެވެންއޮތް ހުރިހާ ސަބަބުތަކެއްގައި އަޅުގަނޑުމެން ހިފަންޖެހޭނެކަމެވެ. އިސްލާމްދީނަކީ ސަމާޙަތުގެ ދީނެވެ. ކޮންމެ ކަމަށް، ކޮންމެ ޙާލަތަށް، ކޮންމެ ޒަމާނަކަށް އެންމެ އެކަށޭނަ ދީނެވެ. އެހެންކަމުން، ބަރަކާތްތެރި ރަމަޟާން މަހާ އަޅުގަނޑުމެން ކުރިމަތިލާއިރު، ޙާލަތަށް ރިޢާޔަތްކޮށް، ހެޔޮކަންތަކުގައި މަސްޢޫލުވުމަށް އިސްކަންދޭންޖެހެއެވެ. ގިނަ ގިނައިން ތަޢުބާވެ އިސްތިޣްފާރު ކުރާށެވެ. ރޫޙާނީ ހަކަތައިން ނަފްސުތަކަށް ދިރުން ގެންނާށެވެ.