ކޯވިޑް-19

ކޯވިޑް-19 : ޑެލިވަރީގެ މަަސައްކަތުގައި މިނިސްޓަރ މަޙްލޫފާއި ދަރުމަވެރިން އަވަދިނެތި


އާއްމުން މަގުމައްޗަށް ނުކުތުން މަނާކޮށް 2 ހަފްތާގެ މުއްދަތަކަށް މާލޭސިޓީ ފުރަބަންދުކޮށްފައިވާއިރު، ޑެލިވަރީގެ ޚިދުމަތަކީ މިހާރު އެންމެ ޑިމާންޑް ބޮޑުވެފައިވާ ޚިދުމަތެވެ. އެތައް ސަތޭކަ ބަޔަކު ގޭގެ ހަތަރު ފާރުތެރޭ ބަންދުވެފައިވުމުން، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ފިހާރަތަކަށް އަންނަނީ އޯޑަރުދެމުންނެވެ.

ވަކި ޚާއްސަ ހުއްދައަކާއެކު މާލޭ ސަރަޙައްދުގައި ޑެލިވަރީގެ ޚިދުމަތް ދިނުމަށް ވިޔަފާރިކުރާ ފަރާތްތަކަށް ހުޅުވާލުމުން، އެކަން ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވެ، ފޯނު ނުނެގުމާއި، ޑެލިވަރީ ލަސްވުމުގެ ޝަކުވާތައް ސޯޝަލް މީޑިއާއަށް ދިޔާއީ ބަންޑުން ކުރަމުންނެވެ. މިއާއެކު މާލޭ ސަރަހައްދުގެ ގެތަކަށް ފިހާރަތަކުން ޑެލިވަރީކުރުމުގައި ދިމާވާ ދަތިތަކަށް އެހީތެރިވުމަށް މިނިސްޓްރީ އޮފް ޔޫތު. ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ޔޫތު މިނިސްޓަރ އަޙުމަދު މަޙްލޫފް އިސްކޮށް ހުންނަވާ ޑެލިވަރީގެ މަސައްކަތް ދަރުމައަށް ކޮށްދޭނެ މީހުން ހޯދުމަށް ހުޅުވާލުމުން 300 އަށްވުރެ ގިނަ ދަރުމަވެރިން އެކަމަށް އިޖާބަ ދީފަައިވާކަން އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. އެ މިނިސްޓްރީގެ ފަރާތުން ގޭބިސީތަކަށް ފިހާރަތަކުން ތަކެތި ޑެލިވަރީކޮށްދިނުމުގެ މަަަސައްކަތް ފަށާފައިވާއިރު، އެކަމުގައި މިނިސްޓަރ މަަޙްލޫފްވެސް ގެންދަވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެކަމުގައި ދަރުމަވެރިންނަށް ބޭނުންވާ އިރުޝާދުތައް ދެއްވުމާއި، ފިހާރަތަކުން ގޭގެއަށް ޚުދު އެމަނިކުފާނުވެސް ގެންދަވަނީ ޑެލިވަރީކޮށްދެއްވަމުންނެވެ.

މިކަމުގައި ގިނަ ޢަދަދެއްގެ ދަރުމަވެރިން ހަރަކާތްތެރިވަމުންދާއިރު، އެފަރާތްތަކުން ޑެލިވަރީކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކެއް އެޗް.ޕީ.އޭގެ ލަފައާއި އިރުޝާދާއެކު ޔޫތު މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ.

އެގޮތުން އެ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މަސައްކަތްކުރާ ހުރިހާ ވަގުތެއްގައިވެސް މާސްކާއި އަންގި ބޭނުންކުރަންޖެހެއެވެ. އަދި މަސައްކަތް ނިމުމުން އެތަކެތި ރައްކާތެރިގޮތުގައި ނައްތާލަންޖެހޭނެއެވެ. މި މަސައްކަތުގަައި ހަރަކާތްތެރިވާ ދަރުމަވެރިން ގޭގެއަށް ޑެލިވަރީކޮށްދޭނީ ކޮންމެ ގޭބިސީއެއްގެވެސް ގްރައުންޑް ފްލޯރއަށް ކަމަށާއި، އަތުން އަތަށް މުދާ ދިނުމުގެ ބަދަލުގައި ގްރައުންޑް ފްލޯރގައި ބެހެއްޓުމަށްފަހު، ޑެލިވަރީކޮށްދީ ނިމުމުން މަޑުނުކޮށް ދިއުމަށް މި އުޞޫލުގައި ބުނެފައިވެއެވެ.

މިކަން ކުރުމުގައި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް އިސްކަންދީ، ދަރުމަވެރިޔާ ނުވަތަ އޭނާއާއި ބައްދަލުވާ މީހެއްގެ ކިބައިން ހުމާއި ރޯގާގެ އަލާމާތެއް ފެންނަނަމަ މަސައްކަތަށް ނުނިކުމެ، އެކަން ކަމާބެހޭ ފަރާތްތަކާއި ރިޕޯޓްކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެޗް.ޕީ.އޭގެ ފަރާތުން މޮނިޓަރިންގ ނުވަތަ ކަރަންޓީނުގެ ހާލަތަށް ގެނެސްފައިވާ އެއްވެސް ގެއަކަަށް ނުވަތަ މީހަކަށް މިކަމުގައި ހަރަކާތްތެރިވާ ދަރުމަވެެރިން ޑެލިވަރީނުކޮށްދޭނެ ކަމަށްވެސް ޔޫތު މިނިސްޓްރީ ވިދާޅުވެއެވެ.

ގޭގެއަށް ޑެލިވަރީ ކޮށްދިނުމުގައި ފިހާރަތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ މަސައްކަތް ދަރުމަވެރިންގެ އެހީއާއި ބައިވެރިވުމާއެކު ޔޫތު މިނިސްޓްރީން ފަށާފައިވާއިރު، ޑެލިވާރީގެ ކަންކަން އަވަސްކޮށްދިނުމަށް ވިޔަފާރިވެރިންނަށް އެހީވުމުގައި ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިފައިންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.