ކޯވިޑް-19

ކޮވިޑް-19 : ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވާން ބްލޫހާޓްސް އެމް.ވީ


މިދުވަސްވަރަކީ މީހުންގެ ހިތްތަކުގައި ނުތަނަވަސްކަން އިތުރުވެފަިއވާ ދުވަސްވަރެކެވެ. ޖިސްމާނީ ގޮތުން ރައްކާތެރިވުމަށް ގޭގައި ތިބޭއިރު، ނަފްސާނީ ގޮތުން ލިބޭ ނުތަނަވަސްކަމުން އަރައިގަތުމަށް އެހީވުމަށް ރާއްޖޭގެ ބްލޫހާޓްސް.އެމްވީ އަކީ މިކަމުގައި ފާހަގަކޮށްލެވޭ ބައެކެވެ.

ޖިސްމާނީ ރައްކާތެރިކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަކީވެސް މުހިންމުކަމެކެވެ. ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ވާ މިދަނޑިވަޅުގައި ފުރަބަންދުވެ، ވައިރަސް އިން ރައްކާތެރިވުމަށް ގޭގައި ތިބޭއިރު މިކަމުގެ ސަބަބުން ކޮންމެ މީހަކުވެސް މާޔޫސްވެ، ނަފްސާނީ ބަލިމަޑުކަމަށް ވެއްޓިދާނެއެވެ. އެހެންވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަދުގެ ހާލަތެވެ. މިދަނޑިވަޅުގައި މިހެން ކަމެއް ދިމާވުމުން މިފަދަ ކަންކަމަށް ފަރުވާދޭ ކްލިނިކްތަކަށް ނުދެވުނަސް، މިފަދަ ފަރުވާތަށްދިނުމަށް ރަސްމީކޮށް ޓްރެއިން ވެފައިތިބޭ ދިވެހި ހިދުމަތްތެރިން އެބަތިއްބެވެ. ބްލޫހާޓްސް.އެމްވީ އަކީ މިގޮތުން ހިދުމަތްދޭ ބަޔެކެވެ.

ނަފްސާނީ ގޮތުން މީހާއަށް އަސަރުކޮށް، މާޔޫސްވެ، ބަލިވާހެން ހީވާނަމަ Bluehearts.mv ވެބްސައިޓަށްވަދެ، މިތަނުގެ ހިދުމަތް ލިބިގަނެވޭނެއެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދޭ ފަރާތަކާއި ވާހަކަދައްކާވެސް ލެވޭނެއެވެ.

ބްލޫހާޓްސް އެމްވީން ވަނީ މިދުވަސްވަރާ ދިމާކޮށް ހިދުމަތްދޭ ގަޑިތައްވެސް އިތުރުކޮށްދީފައެވެ. އަދި ގަޑި އިތުރުކުރީ ކޮވިޑް-19އާ ގުޅިގެން އެންމެނަށްވެސް އެކިކަހަލަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ މިދަނޑިވަޅުގައި ނަފްސާނީ ދުޅަހެޔޮކަމަށް އިހުމާލު ވިޔަ ނުދިވުމަށްކަމަށް ބްލޫހާޓްސް އެމްވީން ބުނެއެވެ.

ބްލޫހާޓްސް އެމްވީން ބުނީ ހާސްވެ ނުތަނަވަސްވާނަމަ އެފަރާތުގެ ވެބްސައިޓަށް ވަދެ، ހާޢްސަ ތަމްރީން ލިބިފައިވާ ބޭފުޅަކާ ހިއްސާކޮށްލެވޭނެކަމަށެވެ. އަދި މިހިދުމަތް ކޮންމެ ދުވަހަކު މެންދުރު ދޭކުން ރޭގަނޑު ދިހައެއްޖެހުމާއި ހަމަޔަށް ލިބޭނެއެވެ.

މިއީ މިދަނޑިވަޅުގައި ގިނަބަޔަކަށް ބޭނުންވެފައިވާ ހިދުމަތެކެވެ. މިދަނޑިވަޅުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެހެނިހެން ގޮތްގޮތުންވެސް އެކިއެކި ކަންކަން ކުރުން މުހިންމެވެ. މިގޮތުން ހިތްހަމަ ޖައްސާލުމަށް އާއިލާއާއި ރައްޓެހިންނަށް ގުޅާ، ވަހަކަ ދައްކާ ގުޅުން ބަދަހި ކުރެވިދާނެއެވެ. އަދި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ ފޭކް ހަބަރު ފަތުރާ މަސްދަރުތަކާ ދުރުވެ، ސައްހަ މައުލޫމާތު ހޯދާ ލިބިގަތުން މުހިންމެވެ. އަދި ހަމައެހެންމެ، ގޭތެރޭގައި ކޮންމެވެސް ކަހަލަ ކަސްރަތެއްކޮށް ހެލިފެލިވެއުޅުމަކީވެސް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުުރުރުމަށް ކުރެވިދާނެ ކަންކަމެވެ.