 
										
			މި ދަނޑިވަޅުގައި ސަރުކާރު މުވައްސަސާތަކުން ރައްޔިތުންނަށް ދެއްވާ މުހިންމު މައުލޫމާތު ސާފު ދިވެހިބަހުން ފޯރުކޮށްދެއްވުމަށް ދިވެހިބަހުގެ އެކެޑަމީން އިލްތިމާސްކުރައްވައިފިއެވެ. 
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ބައްޔާއި ގުޅޭ މައުލޫމާތު ހާމަކުރުމާއި، އަދި އެކި މުއައްސަސާތަކުން މިދަނޑިވަޅުގައި ދޭންޖެހޭ މައުލޫމާތު ދިނުމުގައި އިނގިރޭސި ބަސް ބޭނުންކުރާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮަޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ އާބާދީގެ ބޮޑު ބަޔަކަށް އެ މައުލޫމާތު އެންމެ އެކަށީގެންވާގޮތުގައި ރައްދުކުރުމަށް ހުރަސް އެޅޭކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ. 
މިކަމާގުޅިގެން ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ، މި ނާޒުކު ދަނޑިވަޅުގައި ދިވެހި ދައުލަތުގެ އެކިއެކި މުވައްސަސާތަކުން ދިވެހި ރައްޔިތުންނަށް ދެއްވާ މުހިންމު މައުލޫމާތު ސާފު ދިވެހިބަހުން ފޯރުކޮށްދެއްވުން މުހިއްމު ކަމަަށެވެ. ކޯވިޑް-19 އާއި ގުޅިގެން މިހާރަކަށް އައިސް ބޭނުންކުރާ ބައެއް އިނގިރޭސި ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ދިވެހި ލަފުޒުތައްވެސް ދިވެހިބަހުގެ އެކަޑަމީން އަންނަނީ އާއްމުކުރައްވަމުންނެވެ. 
ކޯވިޑްގެ މިޙާލަތުގައި ކުދިންނާއިއެކު ބެލެނިވެރިން ގޭގައި ހޭދަކުރަން ލިބޭ ފުރުޞަތަކީ ބަސް ކުރިއެރުވުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް ދެކި އެގޮތުގައި މަސައްކަތް ކުރުމަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަނީ އެދިލައްވާފައެވެ. އެގޮތުން މިދުވަސްވަރު ކުދިން ގިނަވަގުތު ގޭގައި ހޭދަކުރާއިރު ބެލެނިވެރިން ދަރިންނާއެކު ބަހަށް ޝައުގުވެރިވާ ކަންކަން ކުރުން މުހިންމުކަން މިނިސްޓަރ ފާހަގަކޮށްފައިވެއެވެ.
ޚާއްސަކޮށް ފޮތް ކިއުމާއި، ކުދިންނަށް ޝުޢޫރުތައް ފާޅުކުރުމުގެ ފުރުޞަތު ދިނުމަކީ ކުރެވިދާނެ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.