ޚަބަރު

ތެލަސީމިއާ ކުދިންނަށް ލޭ އަޅަން ރަށްރަށަށް ދެވޭނެ އިންތިޒާމެއް ހަމަޖައްސަނީ


ލޭ އެޅުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރަންޖެހޭ ތެލަސީމިއާ ކުދިންނަށް އިންތިޒާމްތަކެއް ހަމަޖައްސަމުންދާކަމަށް ތެލަސީމިއާ ސެންޓަރުން ބުނެފިއެވެ.

ތެލަސީމިއާ ސެންޓަރުގެ އެސޯސިއޭޓް ސްޕެޝަލިސް އިން ޕީޑިއެޓްރިކްސް ޑރ.އުމަރު ވިދާޅުވީ ރަށްރަށުން ދަތުރުކުރަންޖެހޭ ކުދިންނަށް ގޮތްތަކެއް ހަމަޖެއްސުމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ކަމާއި ގުޅުންހުރި ފަރާތްތަކާއިއެކު މަޝްވަރާކުރަމުންދާކަމަށެވެ. ޑރ.އުމަރު ވިދާޅުވީ ކުރިން މި މައްސަލަ ދިމާވީ މާލޭ ސަރަޙައްދުގައި ނަމަވެސް މިހާރު، އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވާތީ ލޭއަޅާކުދިންނަށް ލޭ އެޅުމަށްޓަކައި ރަށްރަށަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

"މިހާރު މަޝްވަރާކުރީ މާލެ ނައިސް ރަށްރަށަށް ލޭއާއި އެކަމަށް ބޭނުންވާ ތަކެތި ފޮނުވައިގެން ލޭ އަޅަން. ނޫނޫ ލޭ އަޅަންދާ ރަށަށް ގެންވޭނެ ފަސޭހަ ގޮތެއް ހަމަޖެއްސުމަށް. ވަރަށް އަވަހަށް ގޮތްތަކެއް ނިންމައި އަންގާނަން" ޑރ.އުމަރު ވިދާޅުވިއެވެ.

މާލޭގައި ތިބި ތެލެސީމިއާ ކުދިންނަށް ކޮންމެ އާދިއްތަ ދުވަހަކުން ފެށިގެން ބުރާސްފަތި ދުވަހުގެ ވަކި ގަޑިތަކެއްއްގައި ލޭ އެޅުމުގެ ކަންކަން ކުރިއަށްގެންދެވޭނެއެވެ. އެގޮތުން މި ދުވަސްތަކުގައި ހެނދުނު 8:00އިން 16:00އަށް ތެލަސީމިއާ ސެންޓަރުން ޚިދުމަތް ދެމުން ގެންދާނެއެވެ. ޑރ.އުމަރު ވިދާޅުވީ ޚިދުމަތް ހޯދަން ބޭނުންވާ ކުދިން ކުރިން އެ ސެންޓަރަށް ގުޅުމުން ލޭއަޅަން ދާންޖެހޭ ގަޑިތައް އަންގާނެ ކަމަށެވެ.

"ކްރޮސްމެޗް ހެދުމުގެ ކަންކަން ނިމުމުންވެސް ލޭ އަޅަން އަންނަންވީމައި ސެންޓަރުން އަންގާނެ. އެންގީމައި ފުލުހުންނަށް ގުޅައިގެން ބޭރަށް ނިކުތުމުގެ ކުރިން ހުއްދަ ނަގައިގެން އަންނަންވީ." ޑރ.އުމަރު ވިދާޅުވިއެވެ.

މާލޭގައި އެކަނިވެސް 300އަށްވުރެ ގިނަ ތެލަސީމިއާ ޕޭޝާންޓުން އުޅެމުންދެއެވެ. ތެލަސީމިއާ ކުދިންގެ އާބާދީ ރާއްޖޭގައި 600އަށް އަރައެވެ.