ޚަބަރު

ކޯވިޑް-19 : މާލެއިން ފުރަތަމަ ފަހަރަށް ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ


މާލެއިން ފުރަތަމަ ފަހަރަށް ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހާއާއެކު މާލެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 12އަށް އިތުރުވެފައެވެ. މި މީހާއަކީ މި ބައްޔަށް ޕޮޒިޓިވްވި ދިވެއްސަކާއި ކޮންޓެކްޓުވި ބަންގްލަދޭޝް މީހެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެެއެވެ.

މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މި މީހާއަކީ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 12 ވަނަ މީހާއާއި ސީދާ ދިމާވި މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ކޯވިޑް 19 އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެ، އެމީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއިއެކު ކުރަމުންނެވެ.

އެންމެ ފަހުން މި ބައްޔަށް ޕޮޒިޓިވްވި ބަނގުލަދޭޝް މީހާއާއެކު ރެއިން ފެށިގެން މިހާތަނަށް މިވަނީ 5 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. މިގޮތުން މާލެއިން ރޭ މިބައްޔަށް ޕޮޒޓިވްވި ނުވަވަނަ މީހާއާއި، ދިހަވަނަ މީހާއާއި މާލެއިން ޕޮޒިޓިވްވި ހަތްވަނަ މީހާއާއި ސީދާ ދިމާވެފައިވާ މީހުންނެވެ. މާލެއިން ޕޮޒިޓިވްވި އެގާރަވަނަ މީހާއާއި ބާރަ ވަނަ ވަނަ މީހާއަކީ މާލެއިން ޕޮޒިޓިވްވި އަށްވަނަ މީހާއާއި ސީދާ ދިމާވެފައިވާ މީހުންނެވެ.

އެހެންކަމުން ޑައިރެކްޓް ކޮންޓެކްޓް ނުވަތަ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ދިމާވެފައިވާ މީހުން ބައްޔަށް ޕޮޒިޓިވްވާ ޢަަދަދު މިދަނީ އިތުރުވަމުންނެވެ.

މާލޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ މަސައްކަތްތެރިން އުޅެމުންދާއިރު، ގިނަ މީހުންނަކީ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބައެކެވެ. އެހެންކަމުން މި ހާލަތުގައި ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 32 މީހެކެވެ. މީގެ ތެރެއިން 12 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން:

15 އޭޕްރީލް - އެކަކު
16 އޭޕްރީލް - 2 މީހުން
17 އޭޕްރީލް - 6 މީހުން
18 އޭޕްރީލް - 4 މީހުން

ރަނގަޅުވި މީހުން
20 މާރޗް 2020ގައި 2 މީހަކު
21 މާރޗް 2020ގައި އެކަކު
23 މާރޗް 2020ގައި 2 މީހަކު
25 މާރޗް 2020ގައި 3 މީހަކު
26 މާރޗް 2020ގައި އެކަކު
28 މާރޗް 2020ގައި 2 މީހަކު
29 މާރޗް 2020ގައި 2 މީހަކު
12 އޭޕްރީލް 2020 އެކަކު
14 އޭޕްރީލް 202 2 މީހުން

ކޯވިޑް 19 އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.